ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 18:39
ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުން - ފޮޓޯ/ ސަން އޮންލައިން
ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުން - ފޮޓޯ/ ސަން އޮންލައިން
ސަން އޮންލައިން
ހެލްތް މިނިސްޓްރީ
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!
އެންބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ދިނުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމްކޮށްފައިވޭ
މި ހިދުމަތުގެ ސަބަބުން ހޮސްޕިޓަލުތަކުގެ މަސައްކަތްތައް ލުއިވާނެ
ސީއެމްބިއުލާންސާއި އެއާ އެމްބިއުލާންސް ވެސް ތައާރަފްކުރުމަކީ އަމާޒެއް ކަމަށް ނަސީމު ވިދާޅުވި

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށް، މާލެ ސަރަހައްދުގައި އެ ޚިދުމަތް ފަށައިފި އެވެ.

ޖުމްހޫރީ މައިދާނުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމު ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން އިމަޖެންސީ ހާލަތެއްގައި ފޯނު ކޯލެއް އައުމާ އެކު ސިއްހީ ފަރުވާދެވޭ ތަނަކަށް ބަލި މީހާ ގެންދެވޭނެ ކަމަށާއި، މި ހިދުމަތުގެ ސަބަބުން ހޮސްޕިޓަލުތަކުގެ މަސައްކަތްތައް ލުއިވާނެ ކަމަށެވެ.

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފެށުން - ފޮޓޯ/ ސަން އޮންލައިން
އިމެޖެންސީ ހާލަތެއްގައި ފޯން ކޯލެއް އައުމާ އެކު ސިއްހީ ފަރުވާ ދެވޭ ތަނަކަށް ބަލިމީހާ ގެންދެވެންދެން ފުރިހަމައަށް ގައިޑު ކޮށްދޭ ސިސްޓަމްގެ ސަބަބުން މަސައްކަތް ލުއިވެ އެފިޝަންޓް ޚިދުމަތެއް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،
ހެލްތް މިނިސްޓަރު އަހްމަދު ނަސީމު

މީގެ އިތުރުން އޭނަ ވިދާޅުވީ މި ޚިދުމަތަކީ ރައްޔިތުން އިތުބާރުކުރާ ބަލައިގަންނަ ހިދުމަތަކަށް ހެދުމާ އެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ދޭ ހިދުމަތަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. އަދި މިކަމުގެ އިތުރުން ސީއެމްބިއުލާންސާއި އެއާ އެމްބިއުލާންސް ވެސް ތައާރަފްކުރުމަކީ އަމާޒެއް ކަމަށް ނަސީމު ވިދާޅުވި އެވެ.

މި ގައުމީ އެންބިއުލާންސްގެ ހިދުމަތް މާލެ ސަރަހައްދަށް ދިނުމަށްޓަކައި 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމްކޮށް މިކަމަށް ޚާއްސަ ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައަޅާފައިވާ ނަންބަރަކީ 100 ނުވަތަ އެކެއްސުމެއްސުމެއް އެވެ.

މި ހިދުމަތް ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދެއް ކަމުގައި ހެލްތް މިނިސްޓްރީ އިން ބުނީ މެޑިކަލް އިމަޖެންސީތަކާއި އެކްސިޑެންޓުތަކުގައި އަވަހަށް އެޓެންޑުވެ، ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދެވެންދެން ފަރުވާގެ ހިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

- ކޮމެންޓް