ކ. މާލެ
|
21 މާރޗް 2022 | ހޯމަ 18:33
މަސްތުވާތަކެތި އަތުލައިގަތުން
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެއެމްވީ
މަސްތުވާތަކެތި އަތުލައިގަތުން
މާލޭގައި ހިންގި އޮޕަރޭޝަން އެއްގައި ފުލުހުން 17 ކިލޯގެ މަސްތުވާތަކެތި ހޯދައިފި
މި އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވޭ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން އެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދިން މައުލޫމާތަކާ ގުޅިގެން އާދިއްތަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސް އިން ބުނީ އިންޑިއާގެ ޓްރިވެންޑްރަމް އިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓް އެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، 20 މާރޗު 2022 ވަނަ ދުވަހު ކަސްޓަމްސް އިން އެޝިޕްމަންޓް އިތުރަށް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބަލާ ފާސްކުރެވުނު ޝިޕްމަންޓް ކަސްޓަމްސް އަށް ޑިކްލެއަރ ކޮށްފައިވަނީ "އޯގަނިކް ފާރޓިލައިޒަރ" ގެ ގޮތުގައި ކަމަށެވެ. އަދި އެ ޝިޕްމަންޓުގައި ހުރި "އޯގަނިކް ފާރޓިލައިޒަރ" ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް (ހަޝިޝް އޮއިލް) އަށް ޕޮޒިޓިވް ވި ކަމަށާއި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 13 މިލިއަން ހަލައްކަ ރުފިޔާއަށް އަރާ ކަމަަށް ވެސް ވަނީ ބުނެފައެވެ.       

މައްސަލައާ ގުޅިގެން އުމުރުން 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އެއީ ދިވެހި ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެޑިޓަރުގެ ނޯޓް:
އިސްލާހެއް ގެނައުމަށް
- ކޮމެންޓް