އުމުރުން 14 އަހަރުގެ ކުއްޖަކު 3 އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 53 މައްސަލައެއްގައި ހިމެނުނު އިރު، 354 ފަހަރު އެ ކުއްޖާއާއި އެ އަހަރުތަކުގެ ތެރޭގައި ސުވާލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) އިން ނޫސްވެރިންނާއި ހިއްސާ ކުރި މައުލާމާތުތަކުގައި ބުނެފައިވަނީ 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރު 2021 އަށް ވީ 3 އަހަރުގެ ތެރޭގައި އުމުރުން 14 އަހަރުގެ މިކުއްޖާ އާއި 354 ފަހަރު ސުވާލު ކުރެވުނު އިރު، މަސްތުވާތަކެއްޗާއި ގުޅުންހުރި 53 މައްސަލައެއް ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ވިއްކުމުގެ 2 މައްސަލައަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ 16 މައްސަލައެއްގެ އިތުރުން މަސްތުވާތަކެތި ގެންގުޅުމުގެ 35 މައްސަލައެކެވެ.
2019 ވަނަ އަހަރު މަސްތުވާތަކެތި ވިއްކުމާއި، މަސްތުވާތަކެތި ބޭނުންކުރުން އަދި މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލައެއް ހިމެނެއެވެ. މި ތިން މައްސަލައިގެ އިތުރުން 2020 ވަނަ އަހަރު ހަމަ އެކުއްޖާ މަސްތުވާތަކެތި ބޭނުންކުރުމުގެ 3 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 9 މައްސަލައެއް ވަނީ ރިކޯޑް ކުރެވިފައެވެ. 2021 ވަނަ އަހަރު މަސްތުވާތަކެތި ވިއްކުމުގެ 1 މައްސަލަ ރިކޯޑް ކުރެވުނު އިރު، މަސްތުވާތަކެތި ބޭނުންކުރުމުގެ 12 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 25 މައްސަލަ ވަނީ ރިކޯޑް ކުރެވިފައެވެ.
14 އަހަރުގެ ކުއްޖާގެ ކުށުގެ މައްސަލަތައް
މަސްތުވާތަކެތި – 50 އިންސައްތަ
ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން – 1 އިންސައްތަ
މާރާމާރީ – 3 އިންސައްތަ
ސްކޫލަށް ގެއްލުންދޭން މަސައްކަތް ކުރުން – 2 އިންސައްތަ
ރަހީނު ކުރުން – 1 އިންސައްތަ
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން – 5 އިންސައްތަ
ވައްކަން – 16 އިންސައްތަ
ފިލަން މަސައްކަތް ކުރުން – 6 އިންސައްތަ
ލައިސަންސް ނެތި ސައިކަލް ދުއްވުން – 4 އިންސައްތަ
ގްރޫއްޕު ހަދައިގެން ތިބުން - 2 އިންސައްތަ
މުއައްސަސާތަކުން ކުއްޖާއާއެކު ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެއިނަލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ ސެޝަންތައް ކުރިއަށް ނުގެންދެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުއްޖާ ޒިންމާދާރު ކަމެއްގެ ތެރޭގައި ޝާމިލްކުރުމުގެ ގޮތުން ކުއްޖާ ގަވާއިދުން ސްކޫލަށް ދިއުމާއި ގުޅޭގޮތުން ވާހަކަދެކެވި އަލުން ކުއްޖާއަށް ތައުލީމު ހާސިލްކުރުމަށް ފުރުސަތު ހޯދައިދެވިފައިވާކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީއާއި އެކު ކުއްޖާގެ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓެއް ހަދަން ނިންމިފައިވީ ނަމަވެސް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ އެސެސްމަންޓް ކުރިއަށް ނުދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.