ކ. މާލެ
|
19 ފެބްރުއަރީ 2022 | ހޮނިހިރު 18:52
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޕްލޭނިން މިނިސްޓްރީ
ނައިފަރުގައި އިމާރާތްކުރި ހައުސިންގ ޔުނިޓް
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ކަންކަން އެނގި ތިބެގެން، އެކަންކަން ރައްޔިތުންނަށް ކޮށްދިނުން – އަސްލަމް
ނައިފަރުގައި 90 އަހަރު ވެފައި އޮތް މައްސަލައަކަށް، ޒައްރެއްގެ މިންވަރުގެ ވެސް ހައްލެއް ހޯދައި ދެއްވީ އެމްޑީޕީން
ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ބޯހިޔާވަހިކަމަށް ވަނީ ހަމަޖައްސާފައި

އެމްޑީޕީގެ ސަރުކާރުގެ އަމާޒަކީ އަދި ޕާޓީގެ ވިސްނުމަކީ ވެސް ރައްޔިތުން ބޭނުންވާ ކަންކަން އެނގި ތިބެގެން އެ ކަންކަން ރައްޔިތުންނަށް ކޮށްދިނުން ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ނައިފަރުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓް, ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ 100 ހައުސިން ޔުނިޓަކީ ނައިފަރުގެ ހައުސިންގ މައްސަލައަށް ލިބުނު ޖުމްލަ ހައްލެއް ނޫން ކަމަށެވެ. އަދި މި ނައިފަރުގެ ގެދޮރުވެރިކަމަށް ބޭނުންވެފައި ތިބި ބައިވަރު ރައްޔިތުން ތިބިކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީގެ ސަރުކާރުގެ އަމާޒަކީ އަދި ޕާޓީގެ ވިސްނުމަކީ ވެސް ރައްޔިތުން ބޭނުންވާ ކަންކަން އެނގި ތިބެގެން އެ ކަންކަން ރައްޔިތުންނަށް ކޮށްދެމުން ގެންދިއުން ކަމަށެވެ.

ވީޑިއޯއިން ފެނުނު ގޮތުގަ، އަދި ރައީސް ވެސް ފާހަގަކުރެއްވި ގޮތުގަ، މީގެ ކުރިން ވެސް މިރަށުގައި 90 އަހަރު ވެފައި އޮތް މައްސަލައަކަށް ޒައްރެއްގެ މިންވަރުގެ ވެސް ހައްލެއް ހޯދައިދެވުނީ ހަމަ އަޅުގަނޑުމެންނަށް. މިއަދު ވެސް މި ހައްލުގެ އިތުރު ތަންކޮޅެއް މިދެވެނީ އަޅުގަނޑުމެންނަށް. ރާއްޖޭގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މައްސަލައެއް އުޅެނީ މާލޭގަ. އެކަން އެނގޭ އަދި ގަބޫލުކުރަން. އަދި ވަރަށް ގިނަ މަސައްކަތް ވެސް އެބަކުރަން. އިރާދަ ކުރެއްވިއްޔާ މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ ހައްލު ލިބިގެންދާނެ.
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އަސްލަމް ވިދާޅުވީ އަތޮޅުތެރޭގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް, އެމްޑީޕީ ނޫން އެހެން ބަޔަކު ސަރުކާރާ ހަވާލުވެ ތިބޭއިރު، މާބޮޑު ފަރުވާލެއް ބަހައްޓާތަނެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ހަމައެކަނި ނައިފަރުގައި އެކަންޏެއް ނޫން ކަމަށާއި، އަތޮޅު ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ޖަހައިގެން އަޅުގަނޑުމެން މިދަނީ 14 ރަށެއްގައި ބޯހިޔާވަހިކަން ހިންގުމަށް މަސައްކަތް ކުރަމުން. ރާއްޖޭގެ އާންމު އުސޫލުން ބޯހިޔާވަހިކަމަށް ދެމުން އައި ހައްލަކީ ތަސައްރަފު ފުދި އާއިލާއެއް އުފެދުނީމަ ގޯއްޗަކަށް އެދި، ގޯއްޗެއް އަތޮޅުވެރިން ކަނޑައި ދިނުން. ދެން އެތަނުގައި ގެއެއް އިމާރާތްކުރެވުނު ދުވަހަކުން އިމާރާތްކޮށް ނިންމުން. އެއީ ކުރިގަ އެކަން ހިނގަމުން ދިޔަގޮތް. މިއަދު ގޯއްޗެއް ދިނީމަ އެކަން ކުރެވޭނެ ރައްޔިތުން އެބަތިބި. އެކަމަކު އަތޮޅު ތެރޭގެ ގިނަ ރައްޔިތުންނަކީ ގޯއްޗެއް ދިނީމަ ގެއެއް އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ހުރި އާއިލާތަކެއް ނޫން. އެހެންވީމަ ވަރަށް ގިނަ ފަރާތްތަކުން ގެދޮރު ބިނާކުރަން ފަށާފަ އެތައް އަހަރުތަކެއް އެ ގެ އިމާރާތްކުރުމުގެ ތެރޭގައި ދިރިއުޅެމުންދާތަން. ހަޔާތުގެ ބޮޑުބައި ހޭދަކުރަނީ އިމާރާތްކުރާ ސައިޓެއްގެ ތެރޭގައި.
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އަސްލަމް ވިދާޅުވީ އެކަންކަން އެނގިވަޑައިގަންނަވާތީ ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ކުރީކޮޅު އަތޮޅުތެރޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން އެފަދަ ފަރާތްތަކަށް އެމީހުން ބިނާކުރަން ފަށާފައިވާ ގެދޮރު ނިންމަން މާލީ އެހީތެރިކަމެއް ބޭނުންވާތީ, މާލީ ގޮތުން އެކަން ކުރެވެނެ ގޮތަށް އިންތިޒާމް ހަމަޖައްސަން ކަމަށެވެ.

އަދި އެ ނިންމުމާއެކު މިދިޔަ އަހަރު ގެދޮރުވެރިޔާ ލޯން އިފްތިތާހުކޮށް އެ ލޯން އެކި ފަރާތްތަކަށް ދެމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް