Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 18:35
މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު
މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު
ރާއްޖެއެމްވީ
ޕާކިންގ ސްލޮޓްގެ ޕޯޓަލް ޑައުންވުން
ޕާކިންގ ސްލޮޓްގެ ޕޯޓަލް ޑައުންކުރީ ސަރުކާރުންކަމަށް ކުރި ތުހުމަތު މިނިސްޓްރީން ދޮގުކޮށްފި
މޭޔަރު އަބަދުވެސް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމުގެ މަސައްކަތް
ސަރުކާރަށް އަމާޒުވާގޮތަށް ދައްކަވަމުން ގެންދަވަނީ އަސްލެއް ނެތް ވާހަކަތަކެއް
އެންސީއައިޓީން އަދި ކޭމްއިން ވެސް ޕޯޓަލް ޑައުންއެއް ނުކުރާނެ

މާލެ ސިޓީ ކައުންސިލުން މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް އެދި ހުށަހެޅުމަށް ގާއިމްކޮށްފައިވާ ޕޯޓަލް ޑައުންކުރީ ސަރުކާރުންކަމަށް ކުރި ތުހުމަތު, މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ދޮގުކޮށްފިއެވެ.

މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް އެދި ހުށަހެޅުމަށް ގާއިމުކޮށްފައިވާ ޕޯޓަލް ޑައުންވުމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ޕޯޓަލް ޑައުންކުރީ ސަރުކާރުން ކަމަށާއި، އެއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އެކަމާގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ, އެފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

Advertisement

މޭޔަރު ކުރެއްވި ތުހުމަތަށް އިޝާރާތް ކުރައްވައި އަލީ ސޯލިހު ވިދާޅުވީ, މޭޔަރު މަސައްކަތް ކުރައްވަނީ އަބަދުވެސް ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ މަސައްކަތް ކަމަށެވެ. އަދި ސަރުކާރަށް އަމާޒުވާގޮތަށް ދައްކަވަމުން ގެންދަވަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ޕޯޓަލް ޑައުންވުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ, މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ އެންސީއައިޓީން ޕޯޓަލް ބްލޮކް ނުކުރާނެ ކަމަށެވެ. އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ވެސް އެފަދަ ކަމެއް ނުކުރާކަމަށެވެ.

މީގެ އިތުރުން އަލީ ސޯލިހު ވިދާޅުވީ މާލެ ސަރަހައްދުގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ޕާކިން ސްލޮޓަށް ގިނަ ބައެއްގެ ޑިމާންޑް އެބައޮތް ކަމަށެވެ. އެހެންކަމުން އެފުރުސަތު ހުޅުވާލުމާއެކު އެއްފަހަރާ ގިނަ ބަޔަކު ޕޯޓަލްއަށް ވަނުމުން އޯވަރލޯޑްވެ ޓްރެޕިކް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ޕޯޓަލް ކްރޭޝްވީ ބެލެވޭ ކަމަށެވެ.

މި 211 ޕާކިންގ ސްލޮޓަށް ކުރިމަތިލުމުގެ ފުރުސަތު ބުދަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް ޕާކިންގ ޒޯނަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ލިންކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާކިންގ ސްލޮޓްތަކަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ލިންކު ވަގުތީގޮތުން ވަނީ ބަންދުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ލިންކަށް ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް, ބުރާސްފަތި ދުވަހު ރަސްމީ ގަޑީގައި ހުޅުވާލާނެކަމަށެވެ.

މި ޕާކިންގ ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތަކަށް, އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ޚާއްސަ ސްލޮޓްތައް ހިމެނެއެވެ. މިހާރު ގާއިމުކުރެވިފައިވާ ޕާކިންގ ސްލޮޓުތަކުގެ ތެރެއިން %25 ޚާއްސަކުރެވިފައި ވަނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެއެވެ. މި ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރަޖިސްޓްރީކުރުން ނުހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް