މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީގެ ޔޮޓްތައް ނ. ލަންދޫ ފަޅުގައި ބަނދަރުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ ލަންދޫ ފަޅުގައި ހުރިހާ ޔޮޓްތަކެއް ބަނދަރު ކުރެވިގެން ދިޔުމަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.
އެ ރަށުން މަރުހަބާ ކިޔުމުގެ ކަންތައްތައް ހެނދުނު 08:30 ފެށިގެން 14:00ށް ކުރިއަށް ގެންދިޔަ ކަމަށާއި މަރުހަބާ ކިޔުން ނިންމާލީ ޖާފަތަކުން ކަމަށް ރާއިދު ވިދާޅުވިއެވެ. މީގެ އިތުރުން ހަވީރު 04:00ށް 18:00ށް ސަޤާފީ އެކި ހަރަކާތްތައް ކުރިޔަށް ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.
ރެލީގެ ބައިވެރިންނަށް ހެރިޓޭޖް މިނިސްޓްރީގެ އިސް ބޭފުޅުން އާސާރީ ތަންތަނާއި ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި މިއީ ދަތުރަށް ލިބިގެންދިޔަ އިތުރު ފުރިހަމަ ކަމެއް ކަމަށް ރާއިދު ވިދާޅުވިއެވެ. އެ ރަށުގެ އާސާރީ ގަލަކާއި ބެހޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީފައިވާއިރު އެ ރަށު އެކި ތަންތަނަށް ބައިވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ލަންދޫގައި ތިބުމަށްފަހު ދެން ބައިވެރިން މިސްރާބު ޖަހާނީ ފެބްރުއަރީ 15 ވަނަ ދުވަހު ނ. މަނަދޫ އަށް ކަމަށް ރާއިދު ވިދާޅުވިއެވެ.
ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މި ދަތުރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ފަތުރުވެރިކަމަށް ބޭނުންވެފައިވާ މިންވަރު މި ދަތުރުން ފެނިފައިވާކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރާއެކު ރާއްޖޭގެ ހޯމްސްޓޭ ޓޫރިޒަމްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރަށްތައް އިޝްތިހާރުކޮށް އެރަށްތަކުގެ ޚާއްސަ ކަންކަން ފަތުރުވެރިންނާއި ހިއްސާކޮށްފައިވެއެވެ. އަދި އެފަރާތްތަކުން އަންނަނީ މި މައުލޫމާތުތައް ބޭރުގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މުޅިދުނިޔެއާ ހިއްސާ ކުރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ބާއްވާ މި ރެލީގައި ޖުމްލަ 9 ޔޮޓެއް ބައިވެރިވިއެވެ. ނަމަވެސް މަގްބޫލު އުޒުރަކާއެކު ދެޔޮޓެއް ވަނީ ދަތުރާއި ވަކިވެފައެވެ. މި ދަތުރުގައި ބައިވެރިވާ ޔޮޓުތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓުވެސް ހިމެނެއެވެ. އަދި އެއްމާބަނޑު ތިން ކުދިން ގޮވައިގެން އުޅޭ ސްވިޑެންގެ އާއިލާއަކާއި، އިންޑިއާގެ އެންމެ ފުރަތަމަ އެކަނި ދުނިޔެ ވަށާ ބުރުޖެހި ކެޕްޓަން ބިލިޕްސްއާއި އޭނާގެ އަންހެނުންވެސް މި ދަތުރުގައި ބައިވެރިވެއެވެ.
ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މި ދަތުރާ ގުޅޭގޮތުން ރާއިދު ވިދާޅުވީ މިއަށްވުރެ މާ ފުރިހަމަކޮށް މިއަންނަ އަހަރު ވެސް މިރެލީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އުންމީދަކީ މެދުނުކެނޑި ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިދަތުރުތައް ކުރިއަށް ގެންދެވުން ކަމަށެވެ.