އެމްއައިޓީޑީސީން އިސްނަގައިގެން މިދިޔަ އަހަރު ފެށި ޔޮޓުރެލީ، ސަވާދީއްތަ ދަތުރުގެ ތިންވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10-29 އަށް ބާއްވަން ނިންމައި އިފްތިތާހުކޮށްފިއެވެ.
ސަވާދީއްތަ ދަތުރުގެ ތިންވަނަ އެޑިޝަން އިފްތިތާހުކޮށް، ޒިޔާރަތްކުރާނެ ރަށްތަކާއި އަދި ތާރީހުތައް އިއުލާނުކޮށްފައިވަނީ، ގިނަ އަދަދެއްގެ ޔޮޓްސްމަނުންނާއި ދުނިޔޭގެ މަޝްހޫރު މެރީނާތަކާއެކު ހޯމަ ދުވަހު ވާޗުއަލްކޮށް ބޭއްވި ސެޝަނެއްގައެވެ. އަންނަ އަހަރު ބާއްވާ ދަތުރުގެ ތީމްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މޯލްޑިވްސް: އަ ސްމޯލް ކަންޓްރީ ވިތު އަ ބިގް ހަރޓް" އެވެ.
އަންނަ އަހަރު ބާއްވާ ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކުޑަގިރި އާއި ވ. ފުލިދޫ އާއި މ. މުއްޔާއި ލ. ގަމާއި ލ. ފޮނަދޫ އާއި ގއ. ކޮލަމާފުއްޓާއި ގދ. ހޯނޑެއްދޫ އާއި ސ. ހިތަދޫ އަދި ސ. ގަމަށެވެ. މި ދަތުރު ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ކުޑަގިރީގައެވެ. އަދި ނިންމާލުމުގެ ރަސްމިއްޔާތުގެ ގާލާނައިޓް ބާއްވަން ނިންމާފައިވަނީ އައްޑޫ ސިޓީގައެވެ.
އެމްއައިޓީޑީސީގެ ފަރާތުން އަހަރަކު އެއްފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން 2022 ގައި، އަދި ދެ ވަނަ އެޑިޝަން 2023ގައި ބާއްވާފައިވާއިރު ދެ އިންވެޓަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން، ފުރަތަމަ އެޑިޝަންގައި 7 ޔޮޓެއް ބައިވެރިވިއިރު، ދެވަނަ އެޑިޝަންގައި 14 ޔޮޓެއް ވަނީ ބައިވެރިވެފައެވެ.
'ސަވާދީއްތަ ދަތުރު 2024' އެންޑޯޒްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި އެމްއެމްޕީއާރުސީ އާއި މަޓީ އަދި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން ހިމެނެއެވެ. އަދި ޓޫރިޒަމްގެ އިލްމީ ދިރާސާތައްކުރާ ބައިނަލްއަޤްވާމީ ޖަމާއަތެއްކަމުގައިވާ، އިންޓަނޭޝަނަލް ޓޫރިޒަމް ސްޓަޑީސް އެސޯސިއޭޝަންގެ ފަރާތުން ވެސް ވަނީ އަންނަ އަހަރުގެ ޔޮޓްރެލީ އެންޑޯޒްކޮށްފައެވެ.
ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ބައިނަލްއަގުވާމީ ސެއިލް ކޮމިޔުނިޓީ ބަލައިގަނެފައިވާ އިވެންޓެެއް ކަމަށް އެމްއައިޓީޑީސީން ބުނެއެވެ. އަދި މި އިވެންޓަކީ ރާއްޖޭގެ ޒަމާންވީ ތާރީޚާއި، ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަަމަށް ވެސް ބުނެއެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެ އާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެއްކަން ފާހަގަކޮށް އެމްއައިޓީޑީސީން ބުނީ 'ސަވާދީއްތަ ދަތުރު' ގެ އެންމެ ބޮޑު އެއް މަގުސަދަކީވެސް، ދިވެހިންގެ ޤަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް، މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
2022 އަދި 2023 ވަނަ އަހަރު ބޭއްވުނު ސަވާދީއްތަ ދަތުރުތަކުގެ ނަތީޖާ އާއި ބައިވެރިންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި މަޝްވަރާތަކުގެ އަލީގައި އަންނަ އަހަރުގެ ޔޮޓު ރެލީއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަަމަށް ވެސް އެމްއައިޓީޑީސީން ބުނެއެވެ. އަދި މިފަހަރުގެ ދަތުރަކީ، ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކޮށް، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރާ ރެލީއަށް ވެގެންދާނެކަން ވެސް ފާހަގަކުރިއެވެ.
މީގެ އިތުރުން 'ސަވާދީއްތަ ދަތުރު 2024' ގައިވެސް ޒިޔާރަތްކުރާ ރަށްރަށުން މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް ލޯކަލް ގައިޑުން ތަމްރީނުކުރުމާއި އަދި އެރަށްތަކުގެ ދަރިވަރުންނަށް ހުޅުވާލެވިގެން ދަތުރުގެ ތީމާއި ގުޅޭ ކުރެހުމުގެ މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.