ކުރިއަށް އޮތްތަނުގައި ރިއަލް އެސްޓޭޓް ޓުއަރިޒަމް އަށް އިންވެސްޓަރުން ލިބިގެން ދާނެ ކަމަށް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ 5 ވަނަ މާސްޓަރޕްލޭންގައި ވެސް އިންވެސްޓަރުންނަށް ރާއްޖެ ފަހި ތަނަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި އެކަމަށް މަގުފަހިކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީންވެސް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އަށް އިންވެސްޓަރުން މައިގަނޑު ގޮތެއްގައި އަންނަނީ ފަތުރުވެރިކަމަށް އިންވެސްޓްކުރުމަށް ކަމަށް ރާއިދު ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓް ޓުއަރިޒަމް އަކީ އިންވެސްޓަރުންގެ މެދުގައި މިހާރު މަޤްބޫލު ކަމެއް ކަމަށްވުމާއި އެކު ކުރިއަށް އޮތްތަނުގައި އެ ދާއިރާ އިން އިންވެސްޓަރުން ލިބޭނެ ކަމަށް ރާއިދު ވިދާޅުވިއެވެ. ދުބާއި ފަދަ ތަންތަނުގައި ރިއަލް އެސްޓޭޓް ޓުއަރިޒަމް އަކީ ވަރަށް މަޝްހޫރު ޓުއަރިޒަމް އެއް ކަމަށް ރާއިދު ވިދާޅުވިއެވެ. ޤާނޫނީ ގޮތުން ރިއަލް އެސްޓޭޓް ޓުއަރިޒަމް އަށް ބޭނުންވާ އޮނިގަނޑު ފުރިހަމަވެފައިވާ ކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވި އެއީ އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެ އަށް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެ އަށް އިތުރު ކުރުމަށް އެމްއައިޓީޑީސީން ވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާކަން ރާއިދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަން ޑައިވަރސިފައިކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ކުރިއަރާފައިވާ ޒަމާނީ މޮޑެލް ތަކަށް އަހުލުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.