މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމުރަށް ޖަލަށްލާން ސްރީލަންކާގެ ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ލަންކާގެ ނޫސްތަކުގައިވާ ރިޕޯޓުކޮށްފައިވާ ގޮތުން މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. އޭނާ ޖަލަށްލީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ކަމަށް އެ ނޫސްތަކުގައިވެއެވެ.
ސްރީލަންކާގެ ނޫސްތަކުގައިވާ ގޮތުން ޖަލަށްލާން ހުކުމް ކުރި ދިވެހި މީހާ ހައްޔަރުކުރީ 2016 ވަނަ އަހަރު ބަމްބަޅަޕިޓިޔާއިންނެވެ. އެ މައްސަލާގައި އެހެން މީހެެއް ވެސް ހައްޔަރުކޮށް ދައުވާ ވަނީ އުފުލާފައެވެ. އެކަމަކު އެ މީހާގެ މައްޗަށް ކުށް ސާބިތުނުވުމުން ދޫކޮށްލާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގެ ގާނޫނު ބުނާގޮތުން މަސްތުވާތަކެތި ވަކި މިންވަރަކަށް ގެންގުޅުމަކީ އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ވެސް ދެވިދާނެ ޖަރީމާއެކެވެ.