ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 11:51
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް- ރައީސް އޮފީހުން ބުނީ، އޭސީސީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް މިހާރު ރައީސް އޮފީހުން ބަލައި، ފައިނަލައިޒް ކުރަމުންދާކަމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް- ރައީސް އޮފީހުން ބުނީ، އޭސީސީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް މިހާރު ރައީސް އޮފީހުން ބަލައި، ފައިނަލައިޒް ކުރަމުންދާކަމަށް
ރާއްޖެއެމްވީ
އޭސީސީއަށް މެމްބަރުން އައްޔަނުކުރުން
އޭސީސީއަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ފައިނަލައިޒް ކުރުމުގެ ކަންކަން ދަނީ ކުރަމުން
ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު
އެ މަސައްކަތް ނިމުނުހާ އަވަހަށް އެ ނަންތައް މަޖިލީހަށް ފޮނުވާނެ
އޭސީސީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް މިހާރު ރައީސް އޮފީހުން ދަނީ ފައިނަލައިޒް ކުރަމުން

އޭސީސީއަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުވުމަށް، އެ ނަންތައް ފައިނަލައިޒް ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ރައީސް އޮފީހުން ބުނީ، އޭސީސީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައް މިހާރު ރައީސް އޮފީހުން ބަލައި، ފައިނަލައިޒް ކުރަމުންދާކަމަށެވެ. އެ މަސައްކަތް ނިމުނުހާ އަވަހަށް އެ ނަންތައް މަޖިލީހަށް ފޮނުވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް ނަންތައް ފޮނުވޭނެ ވަކި ދުވަހެއް ބުނަން ދަތިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މިބޭފުޅުން އިސްތިއުފާ ދެއްވުމުގެ ކުރީގައި މެންބަރު އިބްރާހިމް ޝަކީލާއި މެންބަރު އަލީ އަޝްރަފް ވަނީ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމުމާއެކު އިސްތިއުފާ ދެއްވާފައެވެ.

އޭސީސީއަށް މެމްބަރުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު ހަމަވެފައިވާއިރު، 34 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. 

އޭސީސީގައި މެމްބަރެއް ނެތި މިދާ މުއްދަތުގައިވެސް އެ ކޮމިޝަނަށް ގިނަ މައްސަލަތަކެއް ދަނީ ހުށައެޅެމުންނެވެ. އެގޮތުން 27 ޖެނުއަރީގެ ނިޔަލަށް ބަލާއިރުވެސް އިތުރު 58 މައްސަލަ އެކި ފަރާތްތަކުން ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް، މައްސަލަތައް ބެލުމާމެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ މެމްބަރުންކަމަށްވުމާއެކު، އެ މައްސަލަތައް ދަނީ ކޮމިޝަނުގައި ފުނި ޖެހެމުންނެވެ. މިވަގުތު ކޮމިޝަނުގައި ކުރިއަަށްދަނީ ހަމައެކަނި އިދާރީ ގޮތުން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް އެކަންޏެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމެންސް އޮޑިޓެއް ހަދައި އޮޑިޓް ރިޕޯޓާއި ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް 5 ދުވަހުގެ މުއްދަތެއް ދިނެވެ. އެއަށްފަހު އޭސީސީގައި އޭރު ތިއްބެވި މެމްބަރުންވެސް ވަކިކުރުމަށް ކޮމިޓީން ނިންމީއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރެއްގެމަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް އަލުން މީހަކު އައްޔަނު ކުރަން ޖެހެއެވެ. އެގޮތުން އެ ކޮމިޝަނުގައި ކުރިން ހުންނެވި މެމްބަރު އަލީ އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވިތާވެސް 60 ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެހެންނަމަވެސް، މުޅި ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ ހަމައެކަނި އަޝްރަފްގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރިނަމަވެސް، ކޮމިޝަނުގެ މަސައްކަތްތަކެއް ނުހިނގާނެއެވެ.


Advertisement
- ކޮމެންޓް