ކ. މާލެ
|
7 ފެބްރުއަރީ 2022 | ހޯމަ 14:15
ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިޢުލާންކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ބައި-އިލެކްޝަން
އިންތިޚާބާއި ގުޅިގެން ހުށަހެޅި ޝަކުވާތައް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ހެއްކެތް ނެތް: އީސީގެ ރައީސް
އެންޓި ކެމްޕޭނާއި ކެމްޕޭނަށް ހުރަސް އެޅުމާއި ރިޝްވަތު ދިންކަމަށް ބުނެ ޝަކުވާތައް ހުށަހަޅާފައިވޭ

ބައި އިލެކްޝަންގެ އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށްފަހު ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އިންތިޚާބާއި ގުޅިގެން ޖުމްލަ 10 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ޝަކުވާ އަކީ އެއް ކަމެއްގެ މައްޗަށް ކޮށްފައިވާ ޝަކުވާއަކަށް ވުމުން އެއް ޝަކުވާއެއްގެ ގޮތަށް ބަލައިގެންފައިވާ ކަމަށެވެ.

ހުށަހެޅިފައިވާ 9 ޝަކުވާއަށް ބަލާއިރު ޕީޕީއެމާއި އެމްއެންޕީން ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އަދި އެންމެ ގިނަ ޝަކުވާ ޕީޕީއެމުން ހުށަހަޅާފައިވާއިރު އެ ޝަކުވާތައް ސާބިތު ކުރުމަށް ބޭނުންވާ ވަރަށް ހެކި ލިބިފައި ނެތް ކަަމަށް ފުއާދު ވިދާޅުވިއެވެ. ހުށަހަޅާފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު އެންޓި ކެމްޕޭނާއި ކެމްޕޭނަށް ހުރަސް އެޅުމާއި ރިޝްވަތު ދިންކަމަށް ބުނެ ޝަކުވާތައް ހުށަހަޅާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

އަދި ޝަކުވާތަކާއެކު ވީޑިއޯ ނުވަތަ އޯޑިއާ ބަލާލުމުން ވެސް އެބުނާ ކަންތައްތައް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން ރިޝްވަތު ދިން ކަމަށް ބުނާއިރު ރިޝްވަތު ދިނީ ކާކު ކާކަށް ކިހާ މިންވަރެއް ކަމަށް ވެސް ބުނެދެވިފައިނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އިންތިޚާބާއި ގުޅިގެން ބައެއް މީހުން ދައުލަތުން ހިންގާ ޕްރޮޖެކްޓުތަކުގެ ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްގެ ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ ޤާނޫނުގައި އޮންނަ ގޮތުން ކެންޑިޑޭޓަކު އިންތިޚާބާއި ދިމާކޮށް ކަމެއް ކުރާނަމަ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ކެންޑިޑޭޓަކު އެއްވެސް ޕްރޮޖެކްޓެއް ނުހިންގާ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިންތިޚާބުގެ އިންތިޒާމުތަކާއި ގުޅިގެން ފުއާދު ވިދާޅުވި އިންތިޚާބުގައި މަސައްކަތްތައް ރޭވިފައިވަނީ ވަރަށް އިންސާފުވެރިކޮށް ކަމަށާއި ހުރިހާ ހަރަކާތެއް ހިނގާފައިވަނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަމަށެވެ.


Advertisement
- ކޮމެންޓް