ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 14:28
ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ ކުރިއަށް ދިޔަ އަޑުއެހުން
ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ ކުރިއަށް ދިޔަ އަޑުއެހުން
ރާއްޖެއެމްވީ
އަލީ ވަޙީދު ފިލި މައްސަލަ
ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި އަޑުބަރޭ 15 ދުވަހަށް ޖަލަށް
 
މައްސަލަ ބައްލަވަނީ ގާޒީ ހަސަން ސައީދު
 
އަލީ ވަޙީދު ޕާސްޕޯޓު ދޫކުރީ 4 މަހަށް
 
އަލީ ވަޙީދު ގެނައުމަށް ޖާމިނުވީ އަޑުބަރޭ

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)، އިގުރާރާއި ޚިލާފުވެފައި ވާތީ ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ނިންމައި، 15 ދުވަހަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ކުށް އަޑުބަރޭގެ މައްޗަށް ސާބިތުވުމާއެކު، ރައީސް ވަނީ އޭނާ ހުރި މަޤާމުން ދުރުކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

އަލީ ވަޙީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލީ 4 މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރުވާނެކަމަށް ބުނެ، އެކަމުގެ ޔަޤީންކަމެއްގެ ގޮތުން އަޑުބަރޭ ޖާމިނު ކުރުމުންނެވެ. 4 މަސް ހަމަވެ ކޯޓަށް ހާޒިރުވާން އެންގުމުން ބޭސްފަރުވާ ނުނިމޭކަމަށް ބުނެ އިތުރު ލިޔުންތައް ހުށައަޅައި، ޝަރީއަތުގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހައްދަވައިދެއްވުމަށް އޭނާ ވަނީ އެދިފައެވެ. އެގޮތުގެ މަތިން ޝަރީއަތުގެ ކުރީ މަރުޙަލާގެ ދެ އަޑުއެހުމެއް ބޭއްވިފައިވެއެވެ. އެއީ 21 ޖޫން އާއި، 11 ޖުލައިގައެވެ. 11 ޖުލައިގެ އަޑުއެހުމުގައި ޝަރީއަތުން ވަނީ 26 އޯގަސްޓުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުވާން ޖެހޭނެކަން އަންގާފައެވެ.

އެހެންނަމަވެސް، އޭނާ ހާޒިރުވެފައިނުވާތީ، ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށް ބުނެ ޖާމިނުވެފައިވާ އަޑުބަރޭ އެކަމުގައިވި އިޤުރާރާ ޚިލާފުވެފައިވާތީ 28 ނޮވެމްބަރުގައި އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ގާޒީ ވަނީ މިކަމަކީ މުޖުތަމައުގެ މަސްލަޙަތާއި، ޤާނޫނީ ވެރިކަން ނެގެހެއްޓުމަށްޓަކައި ޝަރުއީ ކޯޓުތަކުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ސަބަބަށްޓަކައި އަލީ ވަޙީދު ދެން ޝަރީއަތަށް ހާޒިރު ކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްގެން ކަމަށާއި، އޭނާ ޝަރީއަތަށް ހާޒިރުވާނެ ކަމުގެ ޔަޤީންކަން ދީ އެކަމުގައި ޖާމިނުވި އަޑުބަރޭއާ މެދުވެސް އެ މޭރުމުން ފިޔަވަޅު އެޅުމަކީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށާއި، ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާޒީ ޙަސަން ސައީދު ވިދާޅުވިއެވެ.

ގާޒީ ވަނީ އެވަގުތުން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި އަލީ ވަޙީދު ކޯޓަށް ހާޒިރު ނުކޮށްދީފިނަމަ، އަޑުބަރޭއާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ބުދަ ދުވަހުގެ އަޑުއެހުމާއި ހަމައަށްވެސް އަލީ ވަޙީދު ހާޒިރު ކުރެވިފައެއް ނުވެއެވެ.

އޭގެ އިތުރުން، ބުދަ ދުވަހުގެ އަޑުއެހުމަށް ޗިޓް ލިބިމެ، އަޑުބަރޭވެސް އެ އަޑުއެހުމަށް ހާޒިރުވެފައެއް ނުވެއެވެ. ވުމާއެކު ގާޒީ ވަނީ އެކަމާއި ގުޅިގެން ފިޔަވަޅު އަޅުއްވާފައެވެ.

ގާޒީ ވިދާޅުވީ، އަލީ ވަޙީދު އަނބުރާ ރާއްޖެ ގެނައުމަށް އަޑުބަރޭ ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ތަކުރާރުކޮށް އަޑުބަރޭ ވިދާޅުވަމުން ގެންދިޔައީ އޭނާ ޖާމިނުވީ 4 މަހަށް ކަމަށާއި، އެ މުއްދަތުގައި އޭނާ ހާޒިރު ކުރުމަށް ކޯޓުން އަންގާފައި ނުވާ ކަމަށްކަން ގާޒީ ވިދާޅުވިއެވެ. މިއީ ކޯޓާމެދު ނުބައި ތަސައްވުރެއް އުފެއްދުންކަން ފާހަގަކުރައްވައި ގާޒީ ވަނީ މި މުޅި މައްސަލައިގައި އަޑުބަރޭގެ އިހުމާލު އެބައޮތްކަމަށް ވިދާޅުވެފައެވެ.

ގާޒީ ވިދާޅުވީ، މި މައްސަލަ ކޯޓުގައި ލަސްވެގެންދާ ސަބަބުތަކުގެ ތެރޭގައިވެސް އެކަން ހިމެނޭއިރު، މިއީ އަދުލު އިންސާފަށް ހުރަސް އެޅުންކަމަށް ބެލޭނެ ކަމަށެވެ. ގާޒީ ވަނީ އަލީ ވަޙީދު ފިލައިގެން ހުރުމަށް އަޑުބަރޭ ވާގިވެރިވާކަމަށްވެސް ވިދާޅުވެފައެވެ.

އަދި އަޑުބަރޭވެސް ޗިޓް ލިބި ކޯޓަށް ހާޒިރުވެފައިނުވާއިރު، މިއީ ހައްތަހާވެސް ކޯޓުގެ ޙުރުމަތް ކެނޑުންކަމަށް ގާޒީ ވިދާޅުވިއެވެ. އެފަދަ ކުށްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަނީ 15 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުމެވެ.

އެގޮތުން ގާޒީ ޙަސަން ސައީދު ވަނީ އަޑުބަރޭ ޖާމިނުވުމުގެ އިޤްރާރާ ޚިލާފުވެ، ކޯޓުގެ ޙުރުމަތް ކެނޑުމަށް ކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި، އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
75%
0%
25%
0%
0%
0%
ކޮމެންޓް