އޭސީސީ ޤާނޫނީ ހުސްކަމެއްގައި އޮތުމުން ޕީޕީއެމުން ހުށަހެޅި 2018 ގެ ރިޔާސީ އިންތިޚާބުގެ މައްސަލަ ބެލުމާއިމެދު ވަކި ގޮތެއް ނުނިންމާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން މިހެން ބުނެފައިވަނީ 2018 ގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޕީޕީއެމުން ހުށަހެޅި މައްސަލައިގެ ސިޓީގެ ޖަވާބުގައި އެޕާޓީއަށް ފޮނުވި ސިޓީއެއްގައެވެ. ޕީޕީއެމުން 16 ޖެނުއަރީގައި ފޮނުވި ސިޓީގެ ޖަވާބު އެޕާޓީއަށް ފޮނުވާފައިވަނީ 27 ޖެނުއަރީގައެވެ.
ޕީޕީއެމުން ފޮނުވި ސިޓީގައި ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފެށި ހިސާބުން ފެށިގެން، ވޯޓު ކަރުދާސްތައް ޗާޕްކުރުމަށް ވަކި ފަރާތަކަށް ޙަވާލުކުރުމުގަ އާއި ވޯޓު ކަރުދާސްތައް ޗާޕްކުރުމުގަ އާއި، އިންތިޚާބާއި ގުޅޭ އެކިކަންކަމުގައި، ޚާއްޞަކޮށް ވޯޓާ ގުޅޭ އެންމެހައި ކަންކަމުގަ އާއި، ރީރެޖިސްޓްރޭޝަން ކުރުމުގެ ތެރޭގައި އާއި ރީރެޖިސްޓްރޭޝަންސް މަރުޙަލާގައި އަދި ވޯޓުލުމުގެ ތެރޭގައި އާއި، ވޯޓްލައި ނިމުމުމަށްފަހު، އަދި ވޯޓް ގުނައި ނިންމައި، ވަގުތީ ނަތީޖާ އާއި، ދާއިމީ ނަތީޖާ އިޢުލާން ކުރުމުގެ ތެރޭގައި އާއި އަދި ނަތީޖާ އިޢުލާންކޮށް ނިންމުމަށްފަހު، ވޯޓު ކަރުދާސްތަކާއިމެދު ޢަމަލުކޮށްފައިވާ ގޮތުން، ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް އަދި ވަކި ސިޔާސީ ޖަމާޢަތަކަށް ނާޖާއިޒު ގޮތެއްގައި ފައިދާ ހޯދައިދީ އަދި ވަކި ކެނޑިޑޭޓަކަށް ކަނޑައެޅިގެން ގެއްލުން ދިނުމަށްޓަކައި ދުރާލާ ރާވައިގެން ހިންގާފައިވާ ބޮޑެތި ޖަރީމާތަކެއްގެ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު އާއި އެއިރުގެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެރިންނާއި އަދި އިންތިޚާބުގެ އެކިކަންކަން ބެލެހެއްޓުމާއި އެކި ގޮތްގޮތުން ޙަވާލުވެ ތިއްބެވި އިސް ފަރާތްތަކުގެ މައްޗަށް ކުރެވިފައިވާތީ، އެ މައްސަލަތަކަށް ޚާއްޞަ އަހަމިއްޔަތު ކަމެއް ދެއްވައިގެން އަވަސް ގޮތެއްގައި ބައްލަވައި ދެއްވުމަށް އެދޭ ކަމަށެވެ.
ޕީޕީއެމްގެ ސިޓީގައި 25 ކަމެއް ވަނީ ހިމަނާފައެވެ. އެ ސިޓީގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ވެރިންނާއި، އަދި އިންތިޚާބާއި އެ އިންތިޚާބުގެ ވޯޓާއި ގުޅޭ އެކިއެކި ކަންކަމުގައި އިންތިޚާބާއި ގުޅުން ހުރި އެތަކެއް ފަރާތަކުން ހިންގާފައިވާ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުކުރެވޭނެ ޝަފަހީ އަދި ކިތާބީ ހެކި ހުރިކަން ޔަޤީންކުރެވިފައިވާކަމާއި، އޭގެ ތެރެއިން ބައެއް ހެކި ސިޓީއާއެކު ފޮނުވާފައިވާނެ ކަމަށެވެ.
މި ސިޓީގެ ޖަވާބުގައި އޭސީސީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 205 ވަނަ މާއްދާ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާގައި ކޮމިޝަނަށް އެއްވެސް ކަމެއް ނިންމޭނީ ކޮމިޝަނުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމުގައި ބަޔާންކޮށްފައި ވީހިނދު، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤު ކުރުމުގެ އިޖުރާޢަތުގެ ޤަވާޢިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ޤާނޫނީ ބާރުވެރިކަން ލިބިގެންވަނީ ކޮމިޝަނުގެ މެންބަރުންނަށް ކަމަށްވެފައި، މިހާރުގެ މިޙާލަތަކީ ކޮމިޝަނުގެ މެންބަރުން ނެތި އަދި ކޮމިޝަން ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ޙާލަތެއްކަމުގައި ވާތީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ބެލުމާމެދެ އެ ކޮމިޝަނުން މިހާތަނަށް ވަކިގޮތެއް ނިންމިފައި ނުވާ ކަމަށެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވި، އެ މެމްބަރުންގެ މަސައްކަތް ފެއްޓެވުމާއެކު ހުށަހެޅި މައްސަލަތަކާއި މެދު މެމްބަރުން ނިންމަވާ ގޮތެއް އަންގަވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ މިފަދަ ބޮޑެތި މައްސަލަތައް ހުރި އިރު، ބައި އިލެކްޝަނެއް ބޯމަތިވެ ކޮރަޕްޝަންގެ އެތައް ކަމެއް ހިންގަމުންދާއިރު، އޭސީސީގެ ދޮރުގައި ބޮޑުތަޅު އަޅުވާފައި ބެހެއްޓުމީ ސަރުކާރުގެ ޚުދުމުޚުތާރު ކަން ކަމަށެވެ.
2018 ގެ ރިޔާސީ އިންތިޚާބާއި ގުޅޭ މައްސަލަތަކެއް ޕީޕީއެމްއިން 4 މުއައްސަސާއަކަށް ހުށައަޅާފައިވެއެވެ. އެގޮތުން އިންތިޚާބާއި ގުޅޭ ޖިނާއީ މައްސަލަތަކެއް ފުލުހުންގެ އިދާރާއަށް ހުށައަޅާފައިވާއިރު، އެ މައްސަލަތައް ހުށައަޅާފައިވަނީ މައިގަނޑު 25 ނުކުތާއެއްގެ މައްޗަށެވެ. އަދި އޭސީސީއަށްވެސް މައްސަލަތަކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގެ މަސައްކަތް ޙަވާލު ކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒް ފައިދާ ހޯއްދަވާފައިވާކަމަށް ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލަތަކެއްވެސް ހިމެނެއެވެ.
މީގެއިތުރުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށްވެސް ވަނީ އިންތިޚާބާއި ގުޅޭ މައްސަލަތަކެއް ހުށައަޅާފައެވެ. އެގޮތުން އިންތިޚާބު އޮޅުވާލުމަކީ ދުރާލާ ރާވައިގެން، ކަނޑައެޅިގެން ވަކި ސިޔާސީ ފިކުރަކަށް ގެއްލުން ދިނުމުގެ މަޤްސަދުގައި ކޮށްފައިވާ ކަމެއްކަމަށް ބުނެ ވަނީ އެކަމާއި ގުޅޭ މައްސަލަތަކެއްވެސް ހުށައަޅާފައިވެއެވެ.
ހަތަރުވަނަ މުއައްސަސާއެއްގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށްވެސް މައްސަލަ ހުށައަޅާފައިވާއިރު، މިމައްސަލަތަކުގެ ސަބަބުން ޤާނޫނު އަސާސީން ލިއްބައިދީފައިވާ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.