މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ކެބިނެޓުން ފާސްކުރައްވައިފިއެވެ.
1 ޑިސެމްބަރ 2019ން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިން ކޮމިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭނުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ.
މި އެކްޝަން ޕްލޭން ހިނގާނެ މުއްދަތުކަމަށްވާ 30 މާރޗް 2020ން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކް ކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށް ބޭސްލައިން ސްޓަޑީއެއް ހެދުމާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގާނޫނުގައި މީހުން ޓްރެފިކް ކުރުން މާނަކުރާގޮތް އދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެގާނޫނަށް އިސްލާހު ގެނައުމާއި، ސްޓިއަރިން ކޮމިޓީ ހިންގުމަށްޓަކައި އެންޓި-ޓިޕް އޮފީހެއް ގާއިމްކުރުމާއި، މީހުން ޓްރެފިކް ކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ޚާއްސަ ހޮޓްލައިނެއް އަލުން ގާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓަރ ކުރުން އިތުރުކުރުމާއި، ތަހުގީގުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ އަދަދު އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އިޖްތިމާއީ ޚިދުމަތްދޭ ފަރާތްތަކަށް ޢަމާޒުކޮށް، ޓްރެފިކިންއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުމާއި، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އދ.އިން ފާހަގަކުރާ ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕަރސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިން ކޮމިޓީން އިސްނަގައިގެން ރާއްޖޭގައި ފާހަގަކުރަން ފެށުމަށް މި ޕްލޭނުގައި ވަނީ ކަނޑައަޅާފައެވެ.