ކ. މާލެ
|
2 ޑިސެންބަރ 2021 | ބުރާސްފަތި 15:45
ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު އަހުސަން
ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު އަހުސަން
މިހާރު
އަހުސަން ކުޅުން ހުއްޓާލުން
ވޮލީ ތަރި އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
 
ކުޅުން ހުއްޓާލަން އަހުސަން ނިންމީ ސިއްހީ ހާލަތު ހުރި ގޮތުން
 
ކުލަބު ފެންވަރުގައި ކުޅުން ހުއްޓާލަން އަހުސަން ނިންމާފައެއް ނުވޭ

ގައުމީ ވޮލީބޯޅަ ޓީމަށް ކުޅެމުން އައި ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ މުޙައްމަދު އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ގައުމީ ސީނިއާ ވޮލީބޯޅަ ޓީމަށް 10 އަހަރު ވަންދެން ކުޅެދިނުމަށްފަހު އުމުރުން 30 އަހަރުގެ އަހުސަން މިހާރު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ރަސްމީކޮށް އަންގާފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްލް ބޮލްކަރު އަހުސަން ގައުމީ ޓީމުން ރިޓަޔާކުރިއިރު، މި މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ އެކުލަވާލި 21 ކުޅުންތެރިންގެ ސްކޮޑުގައި އަހުސަން ހިމެނުނެވެ. އެކަމަކު މިދިޔަ މަހުގެ ފަހުކޮޅު ފައިނަލްކުރި 15 ކުޅުންތެރިންގެ ސްކޮޑުގައި އަހުސަން ހިމެނިފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަހުސަން ނިންމީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން، ގައުމީ ފެންވަރުގައި މިހާރު އެންމެ ރަނގަޅު ކުޅުން ދެއްކޭނެކަމަށް ގަބޫލު ނުކުރެވޭތީ އާއި، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ނ. ހޮޅުދޫއަށް އުފަން އަހުސަން އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2008 ވަނަ އަހަރު ޖޫނިއާ ޓީމަށެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ގައުމީ ސީނިއާ ޓީމުން އަހުސަން ޖާގަ ހޯދިއިރު، އޭނާ ވަނީ އެ އަހަރު ސީޝެލްސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކުޅެފައެވެ.

އޭގެ ފަހުން ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އައި އަހުސަން ވަނީ 2013 އާއި 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖެއާއެކު ރިހި މެޑަލް ހޯދާފައެވެ. އަދި އޭގެ އިތުރުން އަހުސަން ވަނީ ކެރިއަރުގައި ސެންޓްރަލް ޒޯން މުބާރާތުން ދެ ލޯ މެޑަލްވެސް ހޯދާފައެވެ. އެގޮތުން އެންމެ ފަހުން ސެންޓްރަލް ޒޯނުގައި އަހުސަން ލޯ މެޑަލް ހާސިލްކުރީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައެވެ.

ޖުމްލަ ދެ ރިހި މެޑެއްޔާއި ދެ ލޯ މެޑެއްޔާއެކު އަހުސަން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިއިރު، އަހުސަނަކީ ރާއްޖޭގެ ވޮލީބޯޅައިގެ ހަޔާތުގައިވެސް ސަރަހައްދީ މުބާރާތެއްގައި އެންމެ މޮޅު މިޑްލް ބްލޮކަރުގެ މަގާމު ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަހުސަން ނިންމި ނަމަވެސް، ކުލަބު ފެންވަރުގައި ކުޅުން ހުއްޓާލަން އަހުސަން އަދި ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް