ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 18:54
ޓްރާންސްޕޯޓް އޮތޯރިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޓްރާންސްޕޯޓް އޮތޯރިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޓްރާންސްޕޯޓް މިނިސްޓްރީ
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުން
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް މަޖިލީހުން ނިންމައިފި
 
މި ގާނޫނު އުުވާލުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ ވޯޓުން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު ދިރާސާކުރި، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމި ގޮތަށް އެ ގާނޫނު އުވާލުމަށް ފާސް ކޮށްފިއެވެެ.

މި ގާނޫނު އުުވާލުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ ވޯޓުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށައެޅީ ސަރުކާރުގެ ފަރާތުންނެވެ. އެ އޮތޯރިޓީ އުވާލުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްވުމާއެކު އެ އޮތޯރިޓީގެ މުވައްޒަފުންނާއި، ވަސީލަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދާނެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ. ބިލް ހުށަހަޅުއްވަމުން ޒިޔާދު ވިދާޅުވީ، ބިލް ހުށަހަޅުއްވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީކަމަށެވެ. މި ބިލަށް އާންމުންގެ ޚިޔާލުވެސް ހޯދާފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމާއި ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާއި، އެޓަރނީ ޖެނެރަލް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ބައްދަލުކޮށް މަޝްވަރާވެސް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓަރ ބޭނުންފުޅުވާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަމުން ނުދާކަމަށާއި މިނިސްޓަރުގެ ބަސް ނުވިކޭކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ވިސްނުމަކަށް އެންމެ ފުރަތަމަ ދިޔައީ، އޮތޯރިޓީއާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ބަލާލާއިރު، ދަތުރުފަތުރާ ގުޅުންހުރި ކަންކަން އަބަދުވެސް ބަލަމުންދާނީ މިނިވަން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކުން ނަމަވެސް، ރާއްޖެއަށް ބަލާނަމަ ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭގައި ވަރަށް ބޮޑަށް ކޮރަޕްޝަން އަށަގެންފައި އޮތުމާއި، އެކަމުން އަރައިގަތުމަށް އޮތް ހައްލަކީ އެތަން އުވާލައި، އެތަނުން ކުރަމުންދިޔަ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް ގެނައުން ކަމަށް މިނިސްޓްރީގެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު އުފެއްދެވި ތަނެކެވެ. މިސަރުކާރު އައުމަށްފަހު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަލުން އުފައްދަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް