ފުވައްމުލަކުގެ ފުނާޑު އަވަށަށް އުފަން ނޫރީފެހިގޭ އުމުރު 6 އަހަރުގެ ސަދާ ސައުދުﷲ އަހުމަދު މަރުވި މައްސަލާގައި ސިއްހީ ހިދުމަތްތެރިންގެ މައްސަލަތަކެއް ފާހަގަކުރެވޭތީ މޯލްޑިވްސް މެޑިކަލް ކައުންސިލާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް "ސިއްޚީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު" ގެ ދަށުން ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ސަދާގެ ބައްޕަ ސައުދުﷲ އަހްމަދު ރާއްޖެއެމްވީއާ މީގެ ކުރިން ވާހަކަ ދައްކަމުން ބުނެފައިވަނީ ސަދާ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމުން ފުވައްމުލަކު ހޮސްޕިޓަލުން އިންޖެކްޝަން ޖެހި ކަމަށެވެ. އަދި އެއަށްފަހު ދަރިފުޅު ހޭނާރާ ކަމަށެވެ. އިންޖެކްޝަން ޖެހިފަހުން ކުއްޖާގެ ހާލަތު ގޯސްވެ، ހަރަކާތް ހުއްޓުނު ކަމަށް ތުހުމަތުކޮށް ހޮސްޕިޓަލުން އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ހެލްތް މިނިސްޓްރީން މި މައްސަލަ ރިވިއުގެ ސަދާގެ ބައްޕައާ ހިއްސާކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ސަދާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވެއެވެ. އަދި ރަނގަޅަށް އެގްޒަމިން ކޮށްފައިނުވުމުގެ އިތުރުން އެކަމުގެ ސަބަބުން އެ ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކުއްޖާ އިމަރޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައިނުވުމާއި ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައިވަނީ ނުބަލާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި، ކުއްޖާ އެގްޒަމިން ކުރި ކަމަށް އަދި ދޮގު މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކޭސް ބަލަން ޖެހޭ ވޯޑު ޑިއުޓީގައި ހުރި ޑޮކްޓަރަށް އޭގެ މައުލޫމާތު ނޭނގޭއިރު އެހެން ޑޮކްޓަރަކަށް މައްސަލަ ހަވާލުކޮށްފައިނުވުމާއި ހަރުދަނާ ގޮތެއްގައި ލިޔުންތައް ބަލަހައްޓާފައި ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މިފަހަކައަށް އައިސް މިފަދަ އެތައް ހާދިސާތަކެއް ހިނގަމުންދާއިރު މިކަންތައްތައް ބަލާ، ފިޔަވަޅު އެޅޭނެ ރަނގަޅު ނިޒާމެއް ޤާއިމު ކުރެވިފައިނުވާކަން ފާހަގަކޮށްލެއެވެ. ބައެއް ސިއްޚީ ހިދުމަތްތެރިންގެ އިހުމާލުން މިފަދަ ހާދިސާތައް ހިނގަމުން އަންނައިރު އާންމުން ރައްޔިތުން ދަނީ މިފަދަ ކަންތައްތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.