ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ އައު ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު އަޙްމަދު ނާޝިދު (ނާދު) ހަމަޖައްސައިފިއެވެ.
ދަ ގްރާންޑޭގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ދެ ސީޒަނުގައިވެސް އެ ޓީމަށް އިރުޝާދުދިން ތަޖުރިބާކާރު ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ކުރިއަށް އޮތް ސީޒަނަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވުމުންނެވެ. އެއާއެކު ދަ ގްރާންޑޭއިން ވަނީ އަންނަ ސީޒަނަށް އެ ޓީމުގެ ކޯޗުގެ މަގާމަށް ނާދު ހަމަޖައްސާފައެވެ. ނާދަކީ މީގެ ކުރިން ދަ ގްރާންޑޭގެ ޒުވާން ޓީމަށް އިރުޝާދުދީފައިވާ ކޯޗެކެވެ.
ނާދު ދަ ގްރާންޑޭއާ ހަވާލުވިއިރު، މިދިޔަ ސީޒަނުގައި އޭނާ އިރުޝާދުދީފައިވަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރި ސަސްއަށެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ސަސްއިން ވަނީ ދެ ފަރާތް އެއްބަސްވެގެން ނާދުގެ އެއްބަސްވުން އުވާލާފައެވެ. އެ ފަހަރު ސަސްއިން ނާދުގެ އެއްބަސްވުން އުވާލިއިރު، ސީޒަން ފެށުމުގެ ކުރިން ގަދަ ހައެއްގައި ނިންމާލަން އަމާޒުހިފި ސަސްއިން ނާދުގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކާފައެވެ.
ކުރިއަށް އޮތް ސީޒަނަށް ދަ ގްރާންޑޭގެ ކޯޗުގެ މަގާމަށް ނާދު ހަމަޖެއްސިއިރު، ވިކްޓަރީ ސްޕޯޓްސް ކުލަބަށް މީގެ ކުރިން ކުޅުނު ނާދު ވަނީ ވިކްޓަރީގެ އިތުރުން، ޔުނައިޓެޑް ވިކްޓަރީ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށްވެސް ކޯޗުކަން ކޮށްދީފައެވެ. އަދި މިދިޔަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް އިރުޝާދުދިން ނާދު ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމަށް ލޯ މެޑަލް ހޯދައިދީފައެވެ. އަދި ނާދު ވަނީ 2017 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބާއެކު ހޯދާފައެވެ.
ކުރިއަށް ސީޒަނަށް ނާދު ދަ ގްރާންޑޭއާއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.