ދަ ގްރާންޑޭ ބަލިކޮށް, މިއަހަރުގެ ދެވަނަ ޑިވިޝަންގައި ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުން މޮޅެއް ހޯދައިފިއެވެ.
މެޗު ޝެޑިއުލްގައި އޮތް ތާރީޚުގައި ފުރަތަމަ ދެ މެޗުވެސް ނުކުޅެވުނު, ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ނިއުރޭޑިއަންޓް ފުރަތަމަ މެޗު ކުޅުނުއިރު ބައެއް ޓީމްތައް ވަނީ ތިން މެޗު ކުޅެ, ކްއާޓާ ފައިނަލްވެސް ޔަޤީންކޮށްފައެވެ. ނިއުރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުން މޮޅުވީ 3-0 ނެވެ. މިއީ ނިއުރޭޑިއަންޓުން ފުރަތަމަ ކުޅެން އޮތް މެޗެވެ. އެކަމަކު ވިއްސާރަވުމުގެ ސަބަބުން މެޗު ފަސްކުރީ ދެތީމް ދަނޑަށް ހާޒިރުވި ފަހުންނެވެ. ނިއުރޭޑިއަންޓްގެ ދެވަނަ މެޗުގައި ޓީނޭޖާ ވާދަކުރަން ދަނޑަށް ދިޔަ ނަމަވެސް, ޓީނޭޖް މެޗަށް ހާޒިރު ނުވާތީ އެމެޗު ލިބުނީ ނުކުޅެއެވެ. އެމެޗާއެކު ނިއުރޭޑިއަންޓް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. ދަ ގްރާންޑޭ އޮތީ މެޗަކުން މޮޅުނުވެއެވެ.
ދަ ގްރާންޑޭ އަތުން މޮޅުވި މެޗުގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ އަބޫ ސަނޫނު އެވެ. ފުރަތަމަ ހާފް އެއްކޮށް ދަ ގްރާންޑޭގެ ހާފްގެ ތެރޭގައި ކުޅުނު ނަމަވެސް ގޯލާ އަމާޒުކޮށް ރަނގަޅު ބޯޅަތަކެއް ފޮނުވައެއް ނުލެވެއެވެ. ނިއުރޭޑިއަންޓްގެ ދެވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ މިދިޔަ އަހަރުވެސް ދެވަނަ ޑިވިޝަންގައި ނިއުގައި މޮޅަށް ކުޅުނު ކޯފީ އެވެ. ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކުޅެން ނިކުއިން އަޔާޒު އަހުމަދު (އަޔާ) އެވެ.
ނިއުރޭޑިއަންޓް ދެވަނަ ޑިވިޝަންގައި ވާދަކުރަނީ އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމަށެވެ. މިދިޔަ އަހަރު އެމަސައްކަތް ކާމިޔާބެއް ނުވިއެވެ.