ކ. މާލެ
|
17 ނޮވެންބަރ 2021 | ބުދަ 17:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު- ރައީސް ޞާލިޙުގެ ސަރުކާރަށް މިވަނީ 3 އަހަރު ފުރިފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު- ރައީސް ޞާލިޙުގެ ސަރުކާރަށް މިވަނީ 3 އަހަރު ފުރިފައި
ރައީސް އޮފީސް
ސަރުކާރަށް 3 އަހަރު
މި ސަރުކާރަކަށް ނުވި!
 
މި ސަރުކާރަށް އިދިކޮޅު ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގުން ހުއްޓުވައެއް ނުލެވުނު
 
މި ސަރުކާރަށް ނުކުރެވުނު އެންމެ ބޮޑު އެއް ކަމަކީ ކޯޓުތަކުގެ ފުރާޅުން ޓިނު ނެގުން
 
މިވީހާތަނަށް ކައުންސިލުތަކަށް ދޫކުރާ އެންމެ ބޮޑު ބަޖެޓު ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުން

މި ސަރުކާރަކަށް ނުވިއެވެ. ނުވި ކަންތަކުގެ ލިސްޓު ނުހަނު ދިގެވެ. އެމްޑީޕީގެ ދެ ރައީސަކު ވެރިކަމަށް އައިސް، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރުވެސް ނުކުރެވި ދިޔަ ކަންތަކުގެ ލިސްޓު ނުހަނު ދިގެވެ.

ފުރަތަމަ ކަމަކަށް މި ސަރުކާރަށް ނުކުރެވުނު އެންމެ ބޮޑު އެއް ކަމަކީ ކޯޓުތަކުގެ ފުރާޅުން ޓިނު ނެގުމެވެ. އަދުލު އިންސާފުގެ މުގުރު ހިސޯރުކޮށް، އެއިން ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް މުގުރުމެވެ. އެކަމެއް މި ސަރުކާރަކަށް ނުވިއެވެ. ވެރިކަމުގެ ބާރުގެ ތެރެއަށް އަދުލު އިންސާފުގެ ބާރު މަސްހުނިކޮށްލައި، މުށު ތެރެއަށް ލެއްވޭވަރުގެ "ގަޓެއް" ނުފެނުނެވެ. ރައީސް އޮފީހުގައި ކޯޓުތައް ހިންގޭވަރުގެ ގާބިލިއްޔަތުކަމެއް ނުފެނުނެވެ. ރައީސް އޮފީހުން ހުކުމް ލިޔެ، ކޯޓުތަކުގެ ފަނޑިޔާރުންގެ އަތްޕުޅާ ހަމައަށް ގެންދަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކަށް ކެރިވަޑައެއް ނުގެންނެވިއެވެ. މިއީ މި ސަރުކާރަށް ނުވި ކަމެކެވެ. ވަރަށްވެސް ދެރައެވެ.

ދެން މި ސަރުކާރަށް ނުވި ކަމަކީ ނޫސްވެރިންގެ އަޑު ކަނޑުވާލުމެވެ. ނޫސްވެރިންގެ އަނގައިގައި އަބުރުގެ ގާނޫނުގެ ޓޭޕް އަޅުވައި، އަނގަ ބަންދުކޮށްލުމެވެ. ނޫސްވެރިން ހައްޔަރުކޮށް، ޖަލަށްލައި، އެކިކަހަލަ ފުރައްސާރަ ކުރުމެވެ. ނިއުސް ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އެ ޖޫރިމަނާއިން ދައުލަތް ހިންގޭ ވަރުގެ ކުޅަދާނަ ވިސްނުންފުޅެއް މި ސަރުކާރުގެ ވެރިއަކަށް ވިސްނިވަޑައެއް ނުގެންނެވިއެވެ. ގައިމު ނިމިދިޔަ ސަރުކާރުން އެންމެ ސްޓޭޝަނެއްގެ ފަހަތުން ބިސްމަޅި ދުއްވައިގެންވެސް އެއޮއް ކޮށްލި ބޮޑެތި ޖޫރިމަނާތައް ބައްލަވާލައްވާށެވެ. މި ސަރުކާރަކަށް އެކަމެއް ނުވިއެވެ. ވަރަށްވެސް ދެރައެވެ.

މި ސަރުކާރަށް ނުވި ކަންކަން ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިންވެސް އެއްކަމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލުމެވެ. އެކަމެއް މި ސަރުކާރަކަށް ނުވިއެވެ. އާރާއި ބާރާއެކު މަގުތަކަށް ނުކުމެ އެއްވެ އުޅުން ހަންޏެއް ނުކުރެވުނެވެ. އިދިކޮޅު ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގުން ހުއްޓުވައެއް ނުލެވުނެވެ. ފެންނަނީ ބޭނުން ވަގުތެއްގައި ބޭނުން މިންވަރަކަށް އެއްވެ އުޅޭ މަންޒަރެވެ. ބޭނުން ވާހަކައެއް ދައްކަމުންދާ މަންޒަރެވެ. ލައިވް ޓީވީތަކުގައާއި، ޕޯޑިއަމްތަކުގައާއި، ސިޔާސީ ރެލީތަކުގައި ސަރުކާރަށް އެވަރަށް ފާޑުކިޔާއިރުވެސް މި ސަރުކާރަކަށް އެކަމެއް ނުހުއްޓުވުނެވެ. މި ސަރުކާރަކަށް އިދިކޮޅުގެ އަޑު ކަނޑުވައެއް ނުލެވުނެވެ. ވަރަށްވެސް ދެރައެވެ.

ދެން މި ސަރުކާރަށް ނުކުރެވުނު ކަމަކީ ދައުލަތުގެ މާލިއްޔަތު، ދައުލަތް ހިންގަވަން ހުންނެވި ވެރިޔާގެ އުނގުފުޅަށް ލެއްވުމެވެ. ދައުލަތުގެ ރަށްތައް ފަރިއްކުޅުވުމެވެ. ދައުލަތުގެ ތެރެއިން ރޭވިގެން، "ސްޓޭޓް-ސްޕޮންސަރޑް" ކޮރަޕްޝަން ހިންގުމެވެ. އަމިއްލަ އުސޫލެއް އެކުލަވާލައި، ސީއެސްއާރުގެ ގޮތުގައި ލިބޭ ފައިސާ ޚަރަދު ކުރާނެ ވަކި ކުންފުނިތަކެއް ކަނޑައަޅައި، އެކަމުގެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީގެ އެންމެ ޖޫނިއަރ ލެވެލްގެ ސްޓާފުންގެ ކޮމިޓީއެއް އެކުލަވާލައި، ސަރުކާރުގައި ތިއްބެވި ވެރިންގެ އަމިއްލަ ބޭނުންތަކަށް ސީއެސްއާރުން ޚަރަދުކޮށްލެވޭގޮތަށް "ވައްކަމުގެ ނިޒާމެއް" ގާއިމުކޮށްލެވޭ ވަރުގެ ބުއްދިއެއް މި ސަރުކާރަކަށް ނައެވެ. ގައިމު ނިމިދިޔަ ސަރުކާރުން ސީއެސްއާރުގެ ނަމުގައި 1.6 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، ސީއެސްއާރުގެ ގޮތުގައި ކޮށްފައިވާ ޚަދަރުތައް ކަމަށް ބަޔާން ކޮށްފައިވާ ގިނަ މަސައްކަތްތަކަކީ ވުޖޫދުގައިވެސް ފެންނަން ހުރި އެއްޗެއް ނޫންކަން ވަނީ ހާމަވެފައެވެ. ނިކަން ކުޅަދާނަވީމަތާއެވެ. އެކަމެއް މި ސަރުކާރަކަށް ނުވިއެވެ. ވަރަށްވެސް ދެރައެވެ.

ދެން މި ސަރުކާރަށް ނުވި ކަމަކީ ލާމަރުކަޒީ ނިޒާމު މަރާލުމެވެ. ތޮއްޖެހިފައިވާ މާލޭގެ ތޮއްޖެހުން އިތުރުކޮށް، ރަށްރަށުންވެސް މާލެއަށް މީހުން އެއްފަސްކޮށްލުމެވެ. ކައުންސިލުތަކުގެ ބާރުތައް ކަނޑުވާލައި، ކައުންސިލުތައް ދަތް ނެތް ސިންގާއަކަށް ހަދާލުމެވެ. ކައުންސިލަރުން "މަގުމަތިކޮށްލުމެވެ". މި ސަރުކާރުން ގެންދަނީ ލާމަރުކަޒީ ގާނޫނެއް ވުޖޫދުކޮށްގެން، އެ ގާނޫނުގެ ދަށުން ރަށްރަށުގެ ކައުންސިލުތަކަށް ބޮޑެތި ބާރުތަކެއްދީ ކައުންސިލްތަކުގެ އިޚްތިޞާޞާއި ބާރުތައް ކަނޑައަޅަމުންނެވެ. މިވީހާތަނަށް ކައުންސިލުތަކަށް ދޫކުރާ އެންމެ ބޮޑު ބަޖެޓު ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކައުންސިލުތަކުގެ ބަޖެޓު ހިފަހައްޓައި، ރަށްރަށުގެ މަޝްރޫއުތައް ހުއްޓާލެވޭހާ މުއްބާރު ސަރުކާރަކަށް މި ސަރުކާރެއް ނުވިއެވެ. ވަރަށްވެސް ދެރައެވެ.

ނޮވެމްބަރު 17 2021ގައި ސަރުކާރަށް 3 އަހަރު ފުރިފައިވާއިރު، ސަރުކާރަށް ނުވި ކަންކަމާމެދު ފުންކޮށް ވިސްނާލުމުން މިފަދަ އެތައް ކަމެއް ޚިޔާލަށް އައެވެ. ލިސްޓު ދިގުކަމުން ހުރިހާ ކަމެއް ނުވެސް ލިޔެވުނެވެ. އެކަންކަން މި ސަރުކާރަކަށް ނުވިއެވެ. ވަރަށް ދެރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް