ހުރިހާ ކަމެއް ފައިސާ އިން ހިސާބު ކުރާ މީހުންނަށް އެނޫން އެއްޗެއްގައި އެއްވެސް އަގެއް ގަދަރެއް ނޯންނާނެއެވެ. ކުޑަމިސާލަކުން ބުނާ ނަމަ، ރާއްޖޭގައި ކަރަންޓްގެ ޚިދުމަތް ދޭން ފެށިތާ 70 އަށްވުރެ ގިނަ އަހަރުވީ އިރު، ވީމޮޅެއްވީ ރާއްޖޭގެ ވަކި ސަރަޙައްދަކަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިރިއުޅެނީ ދިވެހި ރައްޔިތުންނެވެ. އިރުވައި ހޫނުގައި ރިޔާ އަޅައިގެން ގޭދޮރުމަތީ މުޅިޢާއިލާ ނިދީ އެނޫން ގޮތެއް ނެތީމައެވެ. ވާހޫނުގައި ފަތްޖެހި އެނދުގައި ދަރިން ނިންދަވަމުން މަދިރި ތަޅަން މުޅިރޭ ހަތަރު ދަމު ތާއްޔާޖެހެން ތިބީ، ދަރިން ކަސްވިޔަ ނުދޭށެވެ. އޭރުވެސް ކަރަންޓްގެ ފިނީގައި ފުންނިދީގައި، އަރާމު މަޑުތަންމައްޗަށް ގެނބިފައި ތިއްބެވި ބޭފުޅުންނަށް ރަށްފުށުގައި ކަހާތަން ހިރުވަމުން ގޮސް ކަސްވާކަމެއް ވަހުމެއް ނުވެއެވެ.
އެބޭބޭފުޅުން ބޮޑެތިވެ ރާއްޖޭގެ ވެރިކަން ވެސް ލައްކަ ޒަމާނު އެކި ގޮތްގޮތަށް ކުރައްވައިފިއެވެ. ރަށްފުށުގެ ރައްޔިތުންނަށް ދައުލަތުން ދަރާއޮތް ބޮޑު ދަރަނި އަދާ ކޮށް ނިންމަނީ މި 5 އަހަރު ތެރޭގައެވެ. އަތޮޅެއްގެ ރަށަކުންވެރިކަމަށް ވަޑައިގަތް ބޭފުޅަކު އަތޮޅުތެރޭގެ ހުރިހާ ރަށެއްގެ އަސާސީ ޚިދުމަތް ފައްޓަވާ، ހިންގަވާ، ފުރިހަމަ ކުރައްވާ ނިންމެވުމަށް އެވަޑައިގަންނަވަނީ ކުރިއަށެވެ. ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވާތީ އެއްކަލަ ބޭބޭ ފުޅުންނަށް އެކަމެއް ކަމަކު ނުދެއެވެ. އަތޮޅުތެރެ އެކަހެރިކޮށް އިހުމާލު ވެފައި ބޭއްވުމަކ މިހާތަނަށް ދިވެހި ދައުލަތުން ރައްޔިތުންނަށް އަދާ ނުކޮށް އޮތް އެންމެ ބޮޑު ދަރަންޏެވެ. ހުރިހާ ރަށެއްގެ ލަފާ ފުރުމާ ދަތުރުފަތުރު އަދި ނަރުދަމާއާ ސާފު ފެނާ ކަރަންޓްގެ ޚިދުމަތް ހަނދާން ނެތިފައި ތިބި ބަޔަކު ދައުލަތުގެ ދަރަންޏޭ، ފިސްކަލް ޕޮލިސީއޭ، މާލީ ރިޒާވޭ ކިޔަން ލަދުނުގަތުމަކީ، އެމީހުންގެ ނަފްސުގައި ދުރޫސުލް އަޚްލާގްގެ ދަރަނި ބޮޑުވެފައިވާ މިންވަރު ހާމަވާ ކަމެއް ކަން މިއޮތީ ފެންނާށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިނގަމުން މިދާ ރިޔާސީ ފުރަތަމަ ދައުރަކީ ދުނިޔޭގެ ގޮންޖެހުންތަކާއެކު ވެސް، މިދެންނެވި ދައުލަތުގެ އަޚްލާގީ ދަރަނި ރާއްޖޭ ހުރިހާ ރަށަކަށް އަދާކުރުމަށް ފެށުނު 5 އަހަރެވެ. އަދި އެމަނިކުފާނުގެ ކުރިއަށް އޮތް ރިޔާސީ ދައުރަކީ ދިގުލާ އަދާނުވެ ވާރުތަ ވަމުން އައި އެދަރަނި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަދާކޮށް ނިންމާ ޚަލާޞް ކުރާނެ ރިޔާސީ ދައުރެވެ.
އަދި އެއް ފަހަރު ތަކުރާރު ކޮށްލާނަމެވެ. ހުރިހާ ރަށެއްގެ ކަރަންޓާ، ލަފާފުރުމާ ދަތުރު ފަތުރާ ސާފު ފެނާ ނަރުދަމާ ފުރިހަމަ ނުކޮށް ޒަމާންތަކެއް ވަންދެން ދައުލަތުން ރައްޔިތުންނަށް ދަރާއޮތް ބޮޑު ދަރަނި އަދާ ކުރައްވާ ވެރިޔަކީ، މުޅި ދިވެހި ތާރީޚްގަައި ވެސް ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙް ނޫން ދެވަނަ އެހެން ވެެރިއެއް ނޫނެވެ.