ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވިއެވެ. ނަމަވެސް ސަރުކާރަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު، ގިނަ ވައުދުފުޅުތައް އޮތީ ހަމައެކަނި ފޮތުގައި ލިޔުއްވި ގޮތަށެވެ. ބައެއް ވައުދުފުޅުތައް މަތިން ހުދު ރައީސް މުއިއްޒު ވެސް ހަދުމަފުޅު ނެތް ކަހަލައެވެ. އެއީ އެއްވެސް ވަރަކަށް އެ ވައުދުފުޅުތަކުގެ ވާހަކަތައް އެމަނިކުފާނު ވެސް ނުދައްކަވާއިރު، ސަރުކާރުގެ އިސްބޭފުޅުން ވެސް އެކަމުގެ މަސައްކަތްތައް ނުކުރައްވާތީއެވެ.
ނަމަވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ބައެއް ވައުދުފުޅުތަކަކީ ރައްޔިތުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ވައުދުފުޅުތަކެއް ކަމަށްވާތީ ރައްޔިތުން އެވައުދުފުޅުތައް މަތިން ހަނދާން އެބަހުއްޓެވެ. އެގޮތުން އެކަނިވެރިމައިން މިއަދު ވެސް ތިބީ އެމީހުންނަށް ލިބޭ އެލަވަންސް މިސަރުކާރުން ބޮޑުކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށެވެ. އަދި 3،000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި، އެގޮތުން ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލެވެންސް ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު އެކަނިވެރި މައިންނާ ބަފައިންނަށް އަދި ކުދިން ބަލަހައްޓަން ސަރުކާރުން ދެމުން އަންނަ އެލަވަންސް އަކީ އެކަށީގެންވާ އެލަވެންސެއް ނޫން ކަމަށްް ރައީސް މުއިއްޒު ވިދާޅުވެ ކުރީ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.
އޭގެފަހުން އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން ރައީސް މުއިއްޒު އެންމެފަހުން ވާހަކަފުޅު ދައްކަވާފައިވަނީ 5 ފެބްރުއަރީ 2024 ގައެވެ. އެއީ "ރައީސްގެ ޖަވާބު"ގައި، އެކަނިވެރި މައިންގެ އިނާޔަތާއި އަދި ޔަތީމް ކުދީންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާއި މެދު އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބުދާރީ ވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގަނެފައިވާ ފަދައިިން އެކަނިވެރި މައިންގެ އެލަވަންސް ބޮޑު ކުރައްވާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ފައްޓަވާފައި ވާތީ، 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަނިވެރި މައިންނަށް ދޭ އެލަވަންސް ވައުދުވެވަޑައިގަނެފައިވާ ފަދައިިން 2025 ވަނަ އަހަރު ބޮޑުކޮށް ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ޔަތީމު ކުދިންނަށްޓަކައި މިހާރުވެސް އެކިކަހަލަ މަސައްކަތްތައް ކުރެވެމުންދާކަމަށާއި، އެ ކުދިންގެ އިތުރުން މުޖްތަމައުގައި އަޅާނުލެވި ދޫކޮށްލެވިފައިވާ މީހުންނާ މެދު މީގެކުރިން އަމަލުކޮށްފައި ނުވާހާ ރަނގަޅަށް ކަންތައްތައް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
އޭގެ އެއްއަހަރު ފަހުން، މިހާރުގެ ހާލަތަށް ބަލާއިރު، އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކުރުމާއި ގުޅޭގޮތުންނާއި، ޔަތީމު ކުދިންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އެއްވެސް ހިލަމެއް ނެތެވެ. މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމަށް ރައީސް މުއިއްޒު ދެއްވި ދެގަޑިއިރުގެ ރިޔާސީ ބަޔާނުގައި ވެސް މި ކަމަށް އެންމެ ޖުމްލަ އެއްވެސް ހިމެނިފައެއް ނުވެއެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުން ވެސް މިކަން ކުރާނެ ކަމުގެ އެއްވެސް ފެހި ސިގްނަލެއް ވެސް ސަރުކާރުން ދީފައެއް ނުވެއެވެ.
ކެމްޕޭން ތަކުގައި އެވެނި އެލަވަންސެއް މިވެނި ބޮޑު ކޮށްދެއްވާނަމޭ ވިދާޅުވުމުން، އެކަމުން އުއްމީދު އެ ދެވެނީ ވެރިކަމާ ހަވާލުވުމާއެކު އެ ވިދާޅުވި ގޮތަށް އެކަންކަން ބަދަލުވެގެންދިއުމަށެވެ. އަހަރު ދޮޅު އަހަރު ވެގެން ދާއިރު އެއިން ކަމެއް ނުވީމާ އެއީ ވައުދަށް ހުރުމަތްތެރިވުން ކަމުގައި އާންމު ރައްޔިތުން ގަބޫލު ކުރާނީވެސް ކިހިނެއްތޯއެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ ވެރިކަން ލިބުމާއެކު އެކި ސަބަބު ދައްކާ ފަސްކުރަމުން ލަސްކުރަމުން ގެންދާ ތަނެވެ.