ކުޑަކުދިންގެ ހިޔާގެ ހާދިސާގައި ފުލުހުންގެ މައްޗަށް ދައުވާކުރާތީ ފުލުހުންގެ މުއައްސަސާއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގެ އަތުގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އެކަމާގުޅިގެން ފުލުހުންގެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން ކ. ތުލުސްދޫގައި ހިންގި ކޭމްޕަކަށް، އެކުދިން ގޮވައިގެން އެރަށަށް ދަތުރު ކުރި ފެރީގައާއި، ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އެންޓި ޓޯޗަރ ގާނޫނު ގެ ދަށުން ތަހުގީގުކޮށް، 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވާފައިވާކަމުގެ މައުލޫމާތު، އޮކްޓޯބަރ 5 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ދިވެހިފުލުހުންގެ ޚިދުމަތާ ހިއްސާކޮށްފައިވާކަމަށެވެ.
ފުލުހުން، އެދަތުރުގައި ބައިވެރިވި ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ބިޑި އަޅުވާފައިވުމާއި، ބާރަށް ހަޅޭއްލަވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާނެ ކަމުގެ މައުލޫމާތު، ނޮވެމްބަރ 10 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތާ ވަނީ ހިއްސާކޮށްފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، 3 ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ އަންގާފައެވެ.
މި ކޭމްޕަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބޭއްވި ބައްދަލުވުމެއްގައި ނިންމައި، ހިޔާގައި ތިބި ކުދިންގެ މަސްލަހަތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޭމްޕެއްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ތުލުސްދޫގައި އެކުދިންނަށް ހިންގާފައިވާ ކޭމްޕަކީ، އެ ޚިދުމަތުގެ ފަރާތުން ރާއްޖޭގެ އެކިރަށްރަށުގައި އެ އުމުރުފުރައިގެ ކުދިންނަށް ހިންގަމުންދާ ރެޑީ ކޭމްޕާއި ޚިދުމަތް "ބްލޫޒް ފޮރ ޔޫތު ކޭމްޕް"ގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން، އެކުދިންނަށް ޚާއްސަކޮށް، ފަރުމާކޮށްގެން ކަމާބެހޭ މުއައްސަސާތަކުގެމެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ ކޭމްޕެކެވެ. އޭގެ އިތުރުން، 2017 ވަނަ އަހަރު ހިންގުނު މި ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ނުވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިކޭމްޕަކީ އެކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރުވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަމަށްވެސް ފުލުހުން ބުނެއެވެ. އެދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލް ކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައި ވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން، މިހާތަނަށް މި ޚިދުމަތަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވޭކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. ވީމާ، މިދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް އެންޓި ޓޯޗަރ ގާނޫނު ގެ ދަށުން ދައުވާ ކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާކަމެއްކަމަށް، ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެޗްއާރުސީއެމްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކޮށްދިނުމަށް އެ ކޮމިޝަންގައި އެދިފައިވާނެކަމަށް ފުލުހުން ބުނެއެވެ.
2017 ވަނަ އަހަރު ހިނގި އެ މައްސަލައަކީ، ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މިމައްސަލަ ޕީޖީއަށް ހުށަހެޅީ އެޗްއާރުސީއެމުންނެވެ.
ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން، ކުރީގެ ޖެންޑަރ މިނިސްޓަރު ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެޗްއާރްސީއެމުން ޕީޖީ އޮފީހަށް ފޮނުވިއެވެ. މިކަމާ ގުޅިގެން ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގިނަ ބަޔަކު އޭރު ވަނީ ގޮވާލާފައެވެ. ފަހުން ޕީޖީ ދައުވާކުރުމަށް ފޮނުވިއިރު ޒެނީޝާއަށް ދައުވާކުރުމަށް ފޮނުވާފައިނުވެއެވެ.