އަންނަން އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާއިރު، އިލެކްޓްރޯނިކް ވޯޓިންގ (އީވޯޓިންގ) ގެ ނިޒާމަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީސީގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، އީވޯޓިންގއަށް ދިއުމަށް ސިޔާސީ ޕާޓީތަކުން ވެސް ތާއީދު ނުކުރާ ކަމަށާއި، ޕާޓީތަކުން އެކަމަށް ދެކޮޅުހަދާ ކަމަށެވެ. އެގޮތުން ޕާޓީތަކުން އެކަމާ ގުޅިގެން ފާހަގަކުރާ މައިގަނޑު ސަބަބަކީ އީވޯޓިންގގައި ވޯޓު ގުނާތަން ފެންނަން ނެތުމުގެ މައްސަލަކަން ފުވާދު ފާހަގަކުރެއްވިއެވެ.
ފުވާދު ވިދާޅުވީ، ރާއްޖެއަށް ބަލާއިރު، މިހާރު ވޯޓުލާން ބޭނުންކުރާ ނިޒާމަކީ އެންމެ އެކަށީގެންވާ ނިޒާމުކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން މިއީ ހާމަކަންބޮޑު، ރައްޔިތުންނަށް ވެސް އިތުބާރު ކުރެވޭ ޑިމޮކްރަޓީކް އުސޫލަކުން އިންތިޚާބު ބޭއްވޭނެ ނިޒާމެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަން ވެސް ފުވާދު ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި އަހަރުތަކުގައި ކޮމިޝަނުން ކޮރެއާ، ފިލިޕީންސް، ތައިލެންޑް ފަދަ ޤައުމުތަކަށް ދަތުރުކޮށް، އެ ޤައުމުތަކުގައި ބޭނުންކުރާ އީވޯޓިންގ ނިޒާމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ ކަންކަން ވެސް ބަލާފައިވާކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އީވޯޓިންގ ބާއްވާނަމަ އޭގެ ކުރިން ޤާނޫނު އަސާސީ އިސްލާޙުކުރަން ޖެހޭނެކަން ވެސް ފުވާދު ފާހަގަކުރެއްވިއެވެ. އެގޮތުން ވޯޓުލީ ތަނެއްގައި ތިބެގެން، ވޯޓު ގުނަންޖެހޭ ގޮތަށް ޤާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ކޮންމެ ވޯޓެއް ނަގައި ނިމުމާއެކު، ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްޝަންސް ކޮމިޝަނުން އެ މަރުކަޒެއް ޙަވާލުކޮށްފައިވާ މީހަކު، ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާމީހުން ތިބިނަމަ، އެ ބައެއްގެ ހާޒިރުގައި އަދި އެ ވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ އެނޫން ވެސް މީހުންގެ ހާޒިރުގައި އެ މަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެންޑިޑޭޓަކަށް އެ މަރުކަޒަކުން ލިބުނު ވޯޓުގެ ޢަދަދު ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ ޢަދަދު ލިޔެ ބަލަހައްޓައި، އެ މަރުކަޒެއްގައި ނެގުނު ވޯޓުގެނަތީޖާ އެ މަރުކަޒެއްގައި އިޢުލާންކުރާންވާނެ ކަމަށެވެ.
ފުވާދު ވިދާޅުވީ، އީވޯޓިންގ އަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް މިވަގުތު ކޮމިޝަނުން ނުގެންގުޅޭ ކަމަށާއި، އީވޯޓިންގ އަކަށް ނުދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ކޮމިޝަނުން ވެސް ދެކޭ ކަމަށެވެ. އެގޮތުން 2023 ގެ އިންތިޚާބަށް ވެސް މިވަގުތު އެފަދަ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.