އައްޑޫސިޓީ ލިންކް ރޯޑްގެ މަގުތައް ފުޅާކުރަން އެބަޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ލިންކްރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހާލު ސީރިއަސްވެގެން ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު މީހަކު ނިޔާވެފައިވެއެވެ. ލިންކް ރޯޑުގައި މިފަދަ އެތައް ހާދިސާތަކެއް މީގެކުރިން ވެސް ވަނީ ހިނގާފައެވެ.
މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ އެ ސިޓީގައި މިހާރު ވެހިކަލްތައް އިތުރުވެފައިވާ ކަމަށާއި އައްޑޫ ލިންކް ރޯޑަކީ ހަނިމަގެއް ކަމަށެވެ. އަދި މަގު ފުޅާވާން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އެ މަގު ކަސްރަތު ކުރުމަށާއި ހިނގުމަށް ބައެއް އާންމުން ބޭނުންކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނިޒާރު ވިދާޅުވީ އެ މަގަކީ ހިނގަން އޮންނަ މަގެއް ނޫން ކަމަށާއި ރޭގަނޑަށް އެގޮތަށް އުޅުން ރައްކާތެރިއެއް ނޫން ކަމަށެވެ.
މަގަކީ ވަރަށް އަނދިރި މަގެއް ކަމަށާއި އެ މަގުގައި މަގުމަތީގެ ނިޝާންތައް ވެސް ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ވަޅުގަނޑުތައް ގިނަވެފައިވާއިރު މިކަންތައްތައް ހައްލު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓު މީގެ ކުރިން ކުރިއަށްގެންގޮސްފައިވާއިރު މިއީ އިންޑިއާ ސަރުކާރުން ދިން 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާގެ ލޯނު އެހީގައި ހިންގި ބޮޑު ޕްރޮޖެކްޓެކެވެ.
ގަމުން ފެށިގެން ހިތަދުއާ ހަމައަށް ގުޅާލާފައި އޮތް 19 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑް ހެދީ 2003 ވަނަ އަހަރުއެވެ. އެއީ އޭރު ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއުއެވެ. އެކަމަކު މަގުގެ މަރާމާތަށް މާ ބޮޑު ސަމާލުކަމެއް ނުދެވި ގިނަ ދުވަސްވުމާ ގުޅިގެން މަގުގެ ހާލަތު ގޯސްވެ އެކްސިޑެންޓް ގިނަވުމުން އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ނުރައްކާތެރި މަގަށް ވެސް ވަނީ ވެފައެވެ.
އަލުން ލިންކް ރޯޑް ތަރައްގީކުރުމުގެ މަސައްކަތުގައި ހަންކެޑެ ތެރެއިން އެ މަގުގެ އެއްވެސް ބައެއް ނުގެންދާ ގޮތަށް ނިންމި އިރު، އެއީ 2005 ހިސާބުން ފެށިގެން އައްޑޫގެ ޓޫރިޒަމަށް ހާއްސަކޮށްފައި އޮތް ރަށެކެވެ.