ހުކުރު މިސްކިތް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހުކުރު މިސްކިތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މިސްކިތް މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު, މި ހާދިސާއަކީ ވަރަށް ގިނަ މީހުން ކަންބޮޑުވި ހާދިސާއެއް ތޯރިގް ވިދާޅުވިއެވެ. އަދި މި ހާދިސާގައި ހިނގާފައިވަނީ ފާރުގައި ހަރުކޮށްފައި ހުރި ފަންކާއެއްގެ ތެރެއިން އައި ކަރަންޓް ޝޯޓެއް ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ.
ފަންކާތައް ފާރުގައި ހަރުކުރުމަކީ ޒަމާނުއްސުރެން މަނާ ކުރާ ކަމެއް ކަމަށާއި އެކި ދުވަސްވަރު ކަންތައްތައް ދިޔަ ގޮތުން ފާރުގައި ފަންކާތައް ހަރުކުރެވުނު ކަމަށް ތޯރިގް ވިދާޅުވިއެވެ. ނަމަވެސް އެއީ އެއްވެސް އިރެއްގައި ތަރުހީބު ދޭކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ފާރުގައި ހަރުކޮށްފައި ހުރި ހުރިހާ ފަންކާތަކެއް ނައްޓައި, މިސްކިތުގައި ސްޓޭންޑް ފަންކާ ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ސަބަބުން މިސްކިތުގެ ލަކުޑީގެ ބައިތަކުގައި އަލިފާން ހިފާފައިވާ ކަމަށާއި, ބައެއް ލަކުޑިތައް ދެއްޔަށްވާ ހިސާބުގައި ހުރިކަމަށް ތޯރިގް ވިދާޅުވިއެވެ. ނަސީބު ރަނގަޅުކަމުން މިސްކިތަށް އެވަގުތު އެރި މީހުން އަލިފާންގަނޑު ނިއްވާލިކަން ފާހަގަކުރައްވައި ތޯރިގް ވިދާޅުވީ, މިސްކިތުގެ ސެކިއުރިޓީގެ ކަންތައްތައް ބެލެހެއްޓުމަށް ބަޔަކާ ހަވާލުކުރި ނަމަވެސް ހާދިސާ ހިނގި ވަގުތުގައި އެއްވެސް މީހަކު އެތާނގައި ނެތް ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވައި ތޯރިގް ވިދާޅުވީ, އެކަންތައްތައް ވެސް އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ކުރިއަށް ދިޔައީ ކަރަންޓު ވައިރިންގ ރަނގަޅުކޮށް ކުރުމުގެ މަސައްކަތް ކަމަށާއި ކަރަންޓުގެ ހުރިހާ މައްސަލައެއް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް އަހްމަދު އަލާ ވިދާޅުވީ, މިސްކިތުގައި ހުރި ލިޔެކިޔުންތަކަކީ މިސްކިތަށް ވީހާ ދުވަހެއް ވެފައިވާ ލިޔެކިޔުންތަކެއް ކަމަށާއި, ލިޔުންތެރިކަމުގެ ފޮންޓް ނުވަތަ ފާޑުވެރިކަމަކީ އިސްކަންދަރީ އަކުރު ކަމަށެވެ. އިސްކަންދަރު އަކުރުން އިސްކަންދަރު ރަސްގެފާނު ބެހެއްޓެވި މިސްކިތެއްގައި ހުރީ އިސްކަންދަރީ ފޮންޓުގެ އަސްލު ކަމަށެވެ. އެހެންކަމުން މިފަދަ ތާރީޚީ ތަނަކަށް ގެއްލުން ލިބުމަކީ އަލުން އަނބުރާ އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް އަލާ ވިދާޅުވިއެވެ.
މި މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ދަފްތަރު ކުރެވިފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ އިމާރާތް ރައްކާތެރިކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ. މާލޭ ހުކުުރު މިސްކިތަކީ 360 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެކެވެ.