ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 14:53
އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު
އައްޑޫ ސިޓީ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު
ޕީއެސްއެމް
ތަރިކަ ރައްކާތެރި ކުރުން
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ
ތަރިކައާއި ސަޤާފަތް ރައްކާތެރި ކުރުމަށް ޤާނޫނު ވުޖޫދަށް ގެނައުމުގެ ސަބަބުން އޭގެ ފައިދާ ބޮޑު
އިންޑިއާގެ އެހީގައި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަޝްރޫއެއް ކުރިއަށްދޭ

ރާއްޖޭގެ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ މި ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުންކަމަށް ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާއިލް ވިދާޅުވީ، ރާއްޖޭގެ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ މި ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން ތަރިކައާއި ސަޤާފަތަށް ޚާއްސަ ވުޒާރާއެއް އުފެއްދުމާއި، ތަރިކައާއި ސަޤާފަތް ރައްކާތެރި ކުރުމަށް ޤާނޫނު ވުޖޫދަށް ގެނައުން އޭގެ މިސާލެއްގެ ގޮތުގައި ނާއިލް ސިފަ ކުރެއްވިއެވެ.

އެ ޤާނޫނު ތަސްދީޤު ކުރެއްވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ނާއިލް ވިދާޅުވީ، އެ ޤާނޫނުގެ ސަބަބުން ތަރިކަ ރައްކާތެރި ކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ. އެގޮތުން މިހާރު ޤާނޫނުތަކާއި ޤަވާއިދުތައް ހުރި ގޮތުން ރަށަކުން އަލަށް ފެންނަ އާސާރުތައްވެސް އެ ރަށެއްގައި ހިމާޔަތް ކުުރުމަށް އިސްކަން ދެވިގެންދާކަމަށް ނާއިލް ވިދާޅުވިއެވެ.

ކުރިން އޮންނަ އާދައެއް އެއީ އަލަށް އާސާރެއް ފެނިއްޖެނަމަވެސް މާލެ ގެނައުން ނުވަތަ އެ ރަށަކުން ބޭރަށް ގެންދިއުން، މިހާރު ޤާނޫނުތަކާއި ޤަވާއިދުތައް ހުރި ގޮތުން ދިވެހިރާއްޖޭގައި ރަަށަކުން އާސާރެއް ފެނިއްޖެނަމަ އެކި ސަރަޙައްދުތަކުން އެ ފެންނަ ތަރިކަ އެ ސަރަޙައްދުތަކުގައި މީހުންނަަށް ބަލާލެވޭ ގޮތަށް އިންތިޒާމު ހަމަޖެހިގެންދިއުން
ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު

އޭގެ އިތުރުން، މާލޭ ހުކުރު މިސްކިތުގައި ކުރިއަށްދާ މަސައްކަތްތަކަށްވެސް ނާއިލް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން އިންޑިއާގެ އެހީގައި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަޝްރޫއެއް ކުރިއަށްދާއިރު، އެ މަޝްރޫއުގެ ދަށުން ހުކުރު މިސްކިތާއި، އެ ސަރަޙައްދުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރިއަށްދާކަން ނާއިލް ފާހަގަ ކުރެއްވިއެވެ.

ނާއިލް އިތުރަށް ވިދާޅުވީ، ހުކުރު މިސްކިތުގެ ގޯތި ތެރޭގައި ހުރި ހިރިގާތައް ސާފު ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިސްކިތުގެ އެތެރޭގެ މަތިވަޑާން މަރާމާތު ކުުރުމަށް ހަމަޖެހިފައިވާކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

ހުކުރު މިސްކިތަކީ 300 އެތައް އަހަރެއް ވެފައިވާ މިސްކިތަކަށްވާއިރު، އެތަނުގައި ހުރި ލަކުޑި ފީވުން ފަދަ މައްސަލަތައްވެސް ދޭތެރެ ދޭތެރެއިން ދިމާވާކަން ނާއިލް ފާހަގަ ކުރެއްވިއެވެ.

 

- ކޮމެންޓް