ކ. މާލެ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 13:22
ފިނޭންސް މިނިސްޓަރ
ފިނޭންސް މިނިސްޓަރ
ރައްޔިތުންގެ މަޖިލިސް
އިންފްލޭޝަން ރޭޓް
އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.1 އިންސައްތައަށް
މެދުރާސްތާގައި މި ހިރާސް ކުޑަވެގެންދާނެ ކަމަށް ބެލެވޭ
މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ 0.7 އިންސައްތައިގައި

ކުރިއަށް އޮތް 2022 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.1 އިންސައްތައަށް އަރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ، މިއަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.1 އިންސައްތައަށް އަރާނެ ކަމަށް ބެލެވޭއިރު، މިއީ ނިސްބަތުން ދަށް، ކޮންޓްރޯލް ވެފައިވާ އިންފްލޭޝަން ރޭޓެއް ކަމަށެވެ. އެކަމަކު މެދުރާސްތާގައި މި ހިރާސް ކުޑަވެގެންދާނެ ކަމަށް ބެލެވޭކަމަށެވެ.

ނަމަވެސް ދުނިޔޭގެ އިޤްތިޞާދު ބާރު ސްޕީޑުގައި ބައުންސްބެކް ވަމުން ދިއުމުން ސަޕްލައިޗޭނަށް އައިސްފައިވާ ޕްރެޝަރާއެކު ކުރު ރާސްތާގައި އިންފްލޭޝަން މައްޗަށް ދިއުމުގެ ހިރާސް އޮތްކަމުގެ ކަންބޮޑުވުން އެބައޮތް.
އިބްރާހީމް އަމީރު / ފިނޭންސް މިނިސްޓަރ

ކޮވިޑް-19 އާއެކު ރާއްޖޭގެ ބޯޑަރު ބަންދުވި ހާލަތުގައި، ރާއްޖޭގެ އިޤުތިޞާދު ދެމެހެއްޓީ އެތެރޭގެ އިޤުތިޞާދުން، ރާއްޖޭގެ އެތެރޭގައި ކުރި ވިޔަފާރި މުއާމަލާތްތަކުންނެވެ. އަދި ސަރުކާރުން ފޯރުކޮށްދިން އެހީ އާއި ވިޔަފާރިތަކުގެ މަސައްކަތުން ޚަރަދުކުރާ މިންވަރު ބޮޑުތަނުން ދަށްނުވެ ކުރިއަށް ގެންދެވުނެވެ. މީގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސްދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އުފުލިއެވެ. މިނިސްޓަރ ވިދާޅުވީ މިހާލަތުގައި ފިނޭންސް މިނިސްޓްރީން މަސައްކަތްކުރީ އިންފްލޭޝަނަށާއި ރާއްޖޭގެ އިޤުތިޞާދުގެ މުހިއްމު އިންޑިކޭޓަރުތަކަށް ބަލައިގެން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ 0.7 އިންސައްތައިގައެވެ.

އިމްޕޯޓްދަށްވުމާއި، ރިޒާވަށް އައިސްދާނެ ލޮޅުމަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާތީ ރާއްޖޭގެ ރަސްމީ ރިޒާވް 2020 ވަނަ އަހަރު ހުރީ ރިކޯޑް މިންވަރަކަށް މަތީގައެވެ. މިނިސްޓަރ ވިދާޅުވީ އިޤުތިޞާދު ހުޅުވި، އިމްޕޯޓް ކުރާ މިންވަރު މަތިވުމާއެކު، ރަސްމީ ރިޒާވްގައި 2021 ވަނަ އަހަރު ނިމޭއިރު ހުންނާނީ 672 މިލިއަން ޑޮލަރު ކަމަށެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު ވެސް ރަސްމީ ރިޒާވް ހުންނާނީ ގާތްގަނޑަކަށް މި މިންވަރުގައި ހިފެހެއްޓިފައި ކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް