ކ. މާލެ
|
31 އޮކްޓޯބަރ 2021 | އާދީއްތަ 11:16
ފިނޭންސް މިނިސްޓަރ
ފިނޭންސް މިނިސްޓަރ
ރައްޔިތުންގެ މަޖިލިސް
2020 ވަނަ އަހަރުގެ ބަޖެޓް ރިޕޯޓް
މިދިޔަ އަހަރު އެންމެ ބޮޑަށް ކުރިއެރި ސިނާއަތަކީ މަސްވެރިކަން
2020 ވަނަ އަހަރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ވަނީ 10.2 އިންސައްތަ ކުރިއަރާފައި
އެ އަހަރު މަސް އެކްޕޯޓްކުރި މިންވަރު ވެސް ވަނީ 2019 ވަނަ އަހަރަށް ވުރެ އިތުރު ވެފައި

ނިމިގެންދިޔަ 2020 ވަނަ އަހަރު އެންމެ ބޮޑަށް ކުރިއެރި ސިނާއަތަކީ މަސްވެރިކަން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މާ ބޮޑު އަސަރެއް ނުކޮށް، 2020 ވަނަ އަހަރު އެންމެ ބޮޑަށް ކުރިއެރި ސިނާއަތަކީ މަސްވެރިކަން ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ވަނީ 10.2 އިންސައްތަ ކުރިއަރާފައެވެ. އެ އަހަރު މަސް އެކްޕޯޓްކުރި މިންވަރު ވެސް ވަނީ 2019 ވަނަ އަހަރަށް ވުރެ އިތުރުވެފައެވެ.

އަދި 2021 ވަނަ އަހަރާއި މެދުރާސްތާގައި ވެސް މިދާއިރާގެ ކުރިއެރުން ދެމެހެއްޓޭނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑަށް ހިއްސާކުރާ ދާއިރާތަކަކީ ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އާންމު ވިޔަފާރިތަކެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތާއެކު މަސްވެރިކަން ފިޔަވައި ދެންހުރި ސިނާއަތްތަކަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން "ކޮވިޑް-19 ގެ ބަލިމަޑުކަން ގިނަ ދުވަސްތަކަކަށް ދެމިގެން ދިއުމުގެ ސަބަބުން ސަޕްލައި ޗެއިނަށް ދިމާވި ގޮންޖެހުންތަކާއެކު، ރާއްޖެއަށް މުދާ ލިބުން ދަތިވެ، ވިޔަފާރިތަކަށް ވަނީ މިކަމުގެ އަސަރުކޮށްފައި. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ މަޝްރޫއުތަކަށް ވެސް މިކަމުގެ ސަބަބުން ލަސްތައް ކުރިމަތިވެ، އިމާރާތްކުރުމުގެ ދާއިރާ ވަނީ 2020 އަދި 2021 ވަނަ އަހަރު ވެސް ދަށަށް ގޮސްފައި" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ދުނިޔޭގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގޮސް މިއަންނަ އަހަރުން ފެށިގެން މިދާއިރާތައް ކުރިއަރައިދާނެ ކަމަށް ބެލެވެއެވެ. އަދި ބަޖެޓުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށާއި ގުޅިފައިވާ ދާއިރާތަކަށް ކުރިއެރުން ލިބޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުމުގެ ސަބަބުން، ފަތުރުވެރިކަމާއި ގުޅިފައިވާ ދާއިރާތައް ކަމަށްވާ ދަތުރުފަތުރާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ހަލުވިކަމާއެކު ކުރިއަރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް