ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް އަންނަ އަހަރަށް 4.1 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، އަމިއްލަ ފަސްގަނޑުގައި ތިބެގެން ދިވެހި ކޮންމެ ކުއްޖަކަށް ވެސް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އިޤުތިޞާދީ ހަރަކާތް އިތުރުވެ ސިންދަފާތުވެގެން ދާއިރު މުސްތަގުބަލުގައި ބޭނުންވާނެ ހުނަރުވެރި، ތައުލީމީ، މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ.
ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި، ޓީޗަރުންގެ ނިސްބަތުންނާއި، ވަސީލަތްތަކުގެ ގޮތުން މި ބަޖެޓުގެ ތެރެއިން ކުރިއަށްވުރެ ފަހިވެގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް 2022 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ކަމަށެވެ. މީގެ ތެރޭގައި 31 ރަށެއްގެ ސްކޫލު އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ އާ ތިން ސްކޫލު ހިމެނެއެވެ. މީގެ އިތުރުން، ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން، 2022 ވަނަ އަހަރު 400 އަށްވުރެ ގިނަ އާ ޓީޗަރުން ނެގުމަށް ވެސް ވަނީ ބަޖެޓުން ޖާގަ ދީފައެވެ. އަދި ހުރިހާ ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމަށް ފުރުސަތު ދިނުމުގެ ގޮތުން މިސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް މިއަންނަ އަހަރު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ޚަރަދުކުރަން ރާވާފައިވާ ފަހަރު.އިބްރާހީމް އަމީރު / ފިނޭންސް މިނިސްޓަރ
މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމް ކުރިއަށް އޮތް އަހަރު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިހާތަނަށް 12،000 ކުދިންނަށް ހިލޭ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މިނިސްޓަރ ވިދާޅުވީ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމާއި، ހަޔަރ އެޑިއުކޭޝަން ލޯން ސްކީމް އަދި ސްކޮލަޝިޕްތަކަށް މިއަންނަ އަހަރުގެ ބަޖެޓުން ޖުމްލަ 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި މަތީ ތައުލީމަށް ޖުމްލަކޮށް 949 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.