ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި, ލިބިފައި ހުރި ހުރިހާ މައުލޫމާތުތައް އާންމުންނާ ހިއްސާކުރާނެ ކަމަށް ވިދާޅުވެފައި ނުވާނެކަމަށް އޭރުގެ ޕޮލިސް ކޮމިޝަނަރ އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒް މިފަދައިން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އޭނާއަށް އެނގިވަޑައިގަންނަވާ މައުލޫމާތު އާންމުންނާ ހަމައަށް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެ، އެ މައުލޫމާތު އަދިވެސް ހިއްސާ ނުކުރެވި ވަނީ ކީއްވެތޯ މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ސިފާ މުހައްމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
ރިޔާޒް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި އޭނާއަށް ލިބިވަޑައިގެންފައިވާ މައުލޫމާތުތައް, "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން"އާ 2019ވަނަ އަހަރު ހިއްސާކުރައްވާފައި ވާނެކަމަށެވެ. އަދި އެ މައުލޫމާތުތައް އާންމުންނާ ހިއްސާކުރައްވާނެ ކަމަށް އެއްވެސް އިރެއްގައި ވިދާޅުވެފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ބަޔަކު ވަޅިން ހަމަލާދީފައިވަނީ، 1 އޮކްޓޯބަރ 2012 ދުވަހުގެރޭ 22:00އިން 23:00އަށް ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުގައި އަފްރާޝީމް ބައިވެރިވެވަޑައިގަތުމަށްފަހު އެރޭ ދަންވަރު (2 އޮކްޓޯބަރ 2012) 00:09 ހާއިރު އަފްރާޝީމް ދިރިއުޅުއްވި، ހ. ފުންވިލު ގެއަށް ވަޑައިގަތް ވަގުތުއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލަ 2012 ވަނަ އަހަރު ތަހުގީގުކުރުމަށްފަހު 3 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައެވެ. އެ 3 މީހުންނަކީ، ހ. ހިލްޓަން، އަޒްލިފް ރައޫފް އާއި ހ. ލޮބީ، ހުސައިން ހުމާމު އަހްމަދު އާއި، ހ. ހިކޯސްޓް، އަލީ ޝާން އެވެ.
އެ 3 މީހުންގެ ތެރެއިން އަފްރާޝީމް އަވަހާރަކޮށްލުމުގެ ދައުވާ, ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވަނީ ހުމާމު އާއި ޝާންގެ މައްޗަށެވެ. އަޒްލިފްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލާފައެއް ނުވެއެވެ. ހުމާމުއާއި ޝާންގެ މައްޗަށް, ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޝަރުއީ މަރުހަލާތައް މިހާތަނަށް އައިއިރު އޮތީ ނިމިފައެވެ.
އަފްރާޝީމްއަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލުމުގެ ދައުވާ ހުމާމްގެ މައްޗަށް ސާބިތުވެ، ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމަށް ހައިކޯޓުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވެއެވެ. ޝާންގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުގައި އުފުލުނު ދައުވާ އޭނާގެ މައްޗަށް އެ މައްސަލަ ދަށުކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައެއްވެސް ނުވެއެވެ.
4 ޑިސެމްބަރ 2012ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުالله ރިޔާޒު ވިދާޅުވެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެހާ ތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ އެކަން ކުރުމަށް ބަޔަކު ދުރާލާ ރާވައިގެން ކަމަށެވެ. އަދި އެކަން ކުރުމަށް 4 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފައިސާ ޚަރަދުކޮށްގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
މިކަމާގުޅިގެން މަރު ކޮމިޝަނުން ބުނެފައިވަނީ; އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ހެނދުނު ދެމީހަކު ސީރިއާއަށް ދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެކަމުގައި ދީނީ ހަރުކަށި ފަރާތްތައް ހިމެނޭކަމަށް ކޮމިޓީން ހާމަ ކޮށްފައިވާއިރު، މީގެ ކުރިން ހިނގައިދިޔަ ޔާމީން ރަޝީދުގެ މަރާއި ރިޟްވާން އަބްދުﷲ ރަހީނުކޮށް މަރާލުމުގައި ބައިވެރިވެފައިވަނީ ހަރުކަށި މީހުން ކަން ހާމަވާ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.