ހުޅުމާލޭގައި ތަރައްގީކުރަމުންދާ ފްލެޓުތައް ދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ފްލެޓް ނުދީ ލަސްވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ފްލެޓު ދޭނެ ކަމަށް ބުނުމުން އެ ފްލެޓްތަކަށް ފައިސާދެއްކި ފަރާތްތަކަށް ގެއްލުން ލިބެމުންދާތީއެވެ. އެ މައްސަލަ ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއެވެ.
އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ރިޔާޒް ވިދާޅުވީ ހުޅުމާލޭގައި ތަރައްޤީކުރާ ފްލެޓްތައް ދޭނެ ކަމަށް ބުނެ އާއްމުން އަތުން ފައިސާ ނެގުމަށްފަހު ފްލެޓު ހަވާލުނުކުރުމަކީ އާއްމުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލައެއް ކަމަށެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުން ދިޔަ ބައެއް ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށާއި މަސައްކަތް ކުރިޔަށް ނުގޮސް މަކަރާއި ހީލަތުން އެއް ފްލެޓް ގިނަ ފަރާތްތަކަށް ވިއްކާ ކަމުގެ ތުހުމަތު ކުރެވޭކަން ރިޔާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެ ފްލެޓްތައް އިމާރާތްކޮށް ފްލެޓްތައް ގަތް ފަރާތްތަކާއި ހަވާލުކުރަން ކަނޑައެޅި ތާރީހު ފަހަނައަޅާ ދިޔަ އިރުވެސް، އެ މަސައްކަތް ނުނިމި ލަސްވަމުން ދިއުމަކީ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.