ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 14:25
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުން
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނު ކަމަށް ކަނޑައެޅީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހަޅަނީ
މިކަމާއި މެދު މައްސަލަ އެއް އޮތް ނަމަ ލިޔުމުން ހުށަހެޅުއްވުމަށް އަސްލަމް އެދިވަޑައިގެންނެވި
އެމްއެންޕީ އުފައްދާ އެ 3 މެންބަރުން މަޖިލީހުގައި އެ ޕާޓީ ތަމްސީލްކުރައްވާނެކަން މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރެއްވީ 2021 ވަނަ އަހަރު
ރިޔާޒް ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ (ބ) އަކީ ޤާނޫނު އަސާސީ އާއި ޚިލާފު މާއްދާ އެއް ކަމަށް

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ގެއްލުނު ކަމަށް ކަނޑައެޅީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ހުށަހަޅަން އެ ޕާޓީއިން ނިންމައިފިއެވެ.

މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނުކަން އިއުލާންކުރީ އަންގާރަ ދުވަހުއެވެ. އެމްއެންޕީއަށް މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މެންބަރުކަމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިޢުފާދެއްވާފައި ވަނީ މި ސަރުކާރުގެ ބަންޑާރަނާއިބުގެ މަޤާމަށް އޭނާ އައްޔަންކުރައްވާފައި ވާތީއެވެ.

އުޝާމްގެ އިތުރުން އެމްއެންޕީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އެމްއެންޕީ އުފައްދާ އެ 3 މެންބަރުން މަޖިލީހުގައި އެ ޕާޓީ ތަމްސީލްކުރައްވާނެކަން މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރެއްވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މަޖިލީހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވަނީ މަޖިލީހަށް އިންތިޚާބުވުމަށް ފަހު ސިޔާސީ ޕާޓީއެއްގެ ނަމުގައި ތަމްސީލްކުރުމަށް އެދޭ މެންބަރުންގެ ޢަދަދު އެއްވެސް ވަގުތެއްގައި 3 މެންބަރުންނަށް ވުރެ މަދުވެއްޖެނަމަ، އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލްކުރުމަށް އެ މާއްދާގެ (ނ)ގެ ދަށުން ލިބޭ ހައިސިއްޔަތު އެ ޕާޓީއަކަށް ގެއްލިގެންދާނެ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަޖިލީހުގައި މެންބަރުން ތަމްސީލްކުރުމުގެ ފުރުސަތު އެމްއެންޕީއަށް ގެއްލުނުކަން ރިޔާސަތުން ވަނީ އަންގާރަ ދުވަހު އިޢުލާންކުރައްވާފައެވެ. އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިހާރު މަޖިލީހުގައި ތަމްސީލްކުރައްވާނީ މިނިވަން މެންބަރުންގެ ގޮތުގައެވެ.

އެގޮތަށް އިޢުލާންކުރެއްވުމާއި ގުޅިގެން ނިޒާމީ ނުކުތާ އެއް ނަންގަވާ ރިޔާޒްް ވަނީ ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމާއި ސިޔާސީ ފިކުރުގެ ސަބަބުން ތަފާތު ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އަކީ އެމްއެންޕީގެ މެންބަރެއް ކަަމަށް ޤާނޫނު އަސާސީ އާއި އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރާ އިރު އެކަން މަޖިލީހުން ބަލައި ނުގަންނަންވީ ސަބަބާއި މެދު ސުވާލު އުފެއްދެވިއެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ (ބ) އަކީ ޤާނޫނު އަސާސީ އާއި ޚިލާފު މާއްދާ އެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އަސްލަމް ވަނީ އެމްއެޕީ އަށް ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު ނެތްކަން އިއުލާންކުރެއްވީ މިވަގުތު އޮތް މަޖިލީހުގެ ގަވާއިދާއި އެއް ގޮތަށް ކަމަށެވެ. ނަމަވެސް އެކަމާ މެދު މައްސަލަ އެއް އޮތް ނަމަ ލިޔުމުން ހުށަހެޅުއްވުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.

- ކޮމެންޓް