ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ޙުކުމްކޮށްފައިވާ ހ.ލޮބީ ޙުސައިން ހުމާމް ގެ ފަރާތުން އެ ޙުކުމް ރިވިއުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ޙުކުމް ރިވިއުކޮށްދިނުން އެދި އޭނާގެ ފަރާތުން ހުށައެޅީ އޭޕްރީލް މަހުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 10 ޖަނަވަރީ 2013 ގައެވެ.
މި މައްސަލައިގެ ޝަރީއަތުގައި 2013، ޖަނަވަރީ 20 ވަނަ ދައުވާއަށް އިންކާރު ކުރުމަށްފަހު، 2013، މެއި 22 ވަނަ ދުވަހު ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިޢުތިރާފްވިއެވެ.
އަދި އޭގެ ފަހުން، އަނެއްކާވެސް އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލަ ހުމާމްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 2014، ޖަނަވަރީ 16 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ މި ޙުކުމަށް ހައިކޯޓުން ތާޢީދު ކުރީ 2015، ސެޕްޓެމްބަރ 7 ވަނަ ދުވަހުއެވެ.
އަދި ހައިކޯޓުން ތާޢީދު ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދުކޮށްފައިވަނީ، 2016، ޖޫން 24 ވަނަ ދުވަހުއެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ވަގުތެއްގައެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ބަޔަކު ވަޅިން ހަމަލާދީފައިވަނީ، 1 އޮކްޓޯބަރ 2012 ދުވަހުގެރޭ 22:00 އިން 23:00 އަށް ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުގައި އަފްރާޝީމް ބައިވެރިވެވަޑައިގަތުމަށްފަހު އެރޭ ދަންވަރު (2 އޮކްޓޯބަރ 2012) 00:09 ހާއިރު ގެއަށް އަފްރާޝީމް ދިރިއުޅުއްވި، ހ. ފުންވިލު ގެއަށް ވަޑައިގަތް ވަގުތުއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2012 ވަނަ އަހަރު ތަހުގީގު ކުރެއްވުމަށްފަހު 3 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުއްވިއެވެ.
އެ 3 މީހުންގެ ތެރެއިން، އަފްރާޝީމް މަރާލުމުގެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވަނީ ހުމާމު އާއި، އިތުރު މީހެއްގެ މައްޗަށެވެ.
ނަމަވެސް މި މައްސަލައިގައި ދެން ދައުވާ އުފުލި މީހާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ. ކްރިމިނަލް ކޯޓުގައި އުފުލުނު ދަޢުވާ އޭނާގެ މައްޗަށް އެ މައްސަލަ ދަށުކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އިސްތިސްނާފު ކޮށްފައެއް ވެސް ނުވެއެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަފްރާޝީމް އަވަހާރަ ކޮށްލާފައިވާ މައްސަލަ ތަހުގީގު ކުރަމުން ދެއެވެ. އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ނިންމާފައިވީ ނަމަވެސް، އަދިވެސް ތަހުގީގަށް އިތުރު މައުލޫމާތު ލިބޭވަރަކުން އެކޮމިޝަނުން މިމައްސަލަ ބަލަމުންދާނެ ކަމަށް ބުނެއެވެ.