ކ. މާލެ
|
1 އޮކްޓޯބަރ 2021 | ހުކުރު 09:34
މި އަހަރުގެ މިހާތަނަށް ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި 154.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ
މި އަހަރުގެ މިހާތަނަށް ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި 154.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ
ޕޮލިސް
ސްޓިކާ ޖެހުން
ޕާކު ކުރާނެ ތަނެއް ނެތް، ސްޓިކާ ޖެހުމަށްވެސް ނިމުމެއް ނެތް
 
މާލެ ސިޓީގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 11 ޕާކިން ޒޯން ހަދާފައިވޭ

މާލެސިޓީ އަކީ ކާރޫބާރު ބޮޑުތަނެކެވެ. މާލޭގެ މަގުތައް ހަލާކުވުމުގެ މައްސަލައިގެ އިތުރުން ދެން ދިމާވާ އެންމެ ބޮޑު ދަތި އުނދަގޫ ކަމަކީ ޖާގައިގެ ދަތިކަމެވެ. އުޅަނދު ޕާކް ކުރާނެ ތަން ނެތުމެވެ. މިގޮތަށް ދިމާވުމުން ބައެއް ފަހަރު ޕާކިން ޒޯން ފިޔަވާ އެހެން ޒޯންތަކުގައި މީހުން ޕާކު ކުރެއެވެ. ދެން ފެންނާނީ ޓްރެފިކް ފުލުހުން އެ އުޅަނދެއްގައި ސްޓިކާ ޖަހައިފައި ހުއްޓައެވެ. ބައެއް މީހުން ބުނާ ގޮތުން އުޅަނދުތަކުގައި ޓްރެފިކް ފުލުހުން ސްޓިކާ ޖަހަނީވެސް ގަވާއިދާ ހިލާފަށެވެ. އެއްވެސް ބަލާލުމެއް ނެތި އެކަން ކުރަނީ ދައުލަތަށް އާމްދަނީ ހޯދުމުގެ ނިޔަތުގައެވެ. އަނެއް ބަޔަކު ބުނަނީ އުޅަނދުތަކުގައި ސްޓިކާ ޖަހަނީ ގަވާއިދާ އެއްގޮތަށް ކަންކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ކަންމިހެން ހުރިއިރު މި އަހަރުގެ މިހާތަނަށް ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި 154.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ފާއިތުވި 2020 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ 55 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 23 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބުނީ 99.8 މިލިއަން ރުފިޔާއެވެ. މި ޖޫރިމަނާތަކުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާތަކާއި ގާނޫނާއި ޚިލާފުވެގެންކުރާ ޖޫރިމަނާތައް ހިމެނެއެވެ.

މާލެ ސިޓީގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 11 ޕާކިން ޒޯން ހެދިއިރު ވެސް ޕާކު ކުރުމުގެ މައްސަލައަށް ވަނީ ހައްލު ނުލިބިފައެވެ. އެތައް ގޮތަކުން ސަރުކާރުން މި މައްސަލައަށް ހައްލު ހޯދޭތޯ މަސައްކަތްކުރި ނަމަވެސް މިއަދާހަމައަށް ވެސް ހައްލެއް ނުލިބެއެވެ. ސަރުކާރުން ވަނީ ފީ ދައްކައިގެން ޒޯންތަކުގައި ޕާކު ކުރެވޭނެ ގޮތް ވެސް ހަދާފައެވެ. މިކަމުގައި ވެސް އާންމުންގެ ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އުޅަނދުތަކުގައި ސްޓިކާ ޖަހާ މައްސަލާގައި އާންމުންގެ ޚިޔާލު ތަފާތުވެފައިވާއިރު ގިނަ މީހުން ސްޓިކާ ޖަހާ އުސޫލާއިމެދު ހިތްހަމައެއް ނުޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ގިނަ ވައުދުތަކެއް ވަނީ ވެވަޑައިގެންފައެވެ. އޭގެ ތެރެއިން އެއް ވައުދަކީ ސަރުކާރުން ރައްޔިތުންގެ އުޅަނދުތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ވެވަޑައިގެންނެވި ވައުދެވެ. ޕާކް ކުރާނެ ޖާގަ ތަނަވަސްނުކޮށް ފުލުހުން ނުކުމެ ސްޓިކާ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ކަމަށް ނުވާތީ، ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން މި ސަރުކާރުން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ހުއްޓާލާފައެވެ. އެހެންނަމަވެސް އުޅަނދުތަކުގައި އަނެއްކާވެސް އަލުން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ސްޓިކާ ޖަހަން ފަށާފައެވެ.

މީހުން ބުނާ ގޮތުންނަމަ މާލެއިން ހޯދަން އުނދަގުލީ ތިން ކަމަކެވެ. އެއީ އުޅަނދު ޕާކު ކުރާނެ ތަނަކާއި ބޯހިޔަވާހިކަމާއި މައުލޫމާތެވެ. މިއީ މުޅިއަކުން ދޮގު ވާހަކައެއް ވެސް ނޫނެވެ. އުޅަނދު ޕާކު ކުރާނެ ޖާގައެއް މާލެސިޓީން ލިބުމަކީ ހަމަ ރަންބިސް އަޅާ ކުކުޅެއް ލިބުމުން ކަހަލަ ކަމަކެވެ. ބައެއް ފަހަރު އުޅަނދު ޕާކު ކުރާނެ ޖާގައެއް ނުލިބިގެން ގޮސް، ގެއާ ނުވަތަ އޮފީހާ ދެތިން ބްލޮކް ދުރުގައި ވެސް ޕާކު ކުރަން ޖެހެއެވެ. ނުވަތަ އެ ޒޯނަކުން ޖާގަ ހުސްވަންދެން ބަލަބަލާ އިންތިޒާރުގައި އިންނަންޖެހޭ ފަހަރު ވެސް މަދެއް ނޫނެވެ.  

މާލެ ސިޓީގައި އުޅަނދުތައް ތޮއްޖެހުން އިތުރުވެގެން ދާއިރު، ކޮންމެ އަހަރަކު ވެސް އަލަށް އުޅަނދުތައް އެތެރެކުރުމަށް ދަނީ ހުއްދަ ދެމުންނެވެ. އުޅަނދުތައް އިތުރުކުރުން ކޮންޓްރޯލް ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ފާއިތުވެދިޔަ ސަރުކާރުތަކުން ވެސް ޕާކު ކުރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި ވަނީ ފެއިލްވެފައެވެ. މިއީ ދުވަހަކުވެސް ހައްލު ވެދާނެ މައްސަލައެއްކަމާމެދު މިހާރު ވަނީ ސުވާލުވެސް އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް