ކ. މާލެ
|
13 ސެޕްޓެންބަރ 2021 | ހޯމަ 08:33
ތޮއްޖެހިފައިވާ މާލޭގެ މަލަމަތިން
ތޮއްޖެހިފައިވާ މާލޭގެ މަލަމަތިން
ރާއްޖެއެމްވީ
މާލޭގެ ވައި ނުސާފުވުން
މާލޭގެ ވައި ނުސާފުވުން ބޮޑު މައްސަލައަކަށް ނުވަނީތަ؟
 
މިއީ ޒަމާންތަކެއް ވެގެންދިޔައިރުވެސް އަޅާ ނުލެވިފައިވާ ބޮޑު މައްސަލައެއް
 
ވައި ނުސާފުވުމަކީ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ ކަމެއް
 
މާލޭގައި ވައި ނުސާފުވެފައިވާ މިންވަރު ބެލޭނެ ހަރުދަނާ ނިޒާމެއް ނެތް

ބަދަލުވަމުންދާ މި ދުނިޔެއާއެކު ރާއްޖެއަށް އަންނަ ތަރައްގީވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ފުރިހަމަވަމުން ފައްކާވަމުންނެވެ. ހަމައެކަނި މާލެއެއް ނޫނެވެ. އަތޮޅުތެރެއަށްވެސް ތަރައްގީގެ އެކި މަޝްރޫއުތައް ގެނެސް، ކުރިއަށް އޮތް ތަނުގައިވެސް ތަރައްގީގެ އެކި މަޝްރޫއުތައް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާކަން ސަރުކާރުން ހާމަކުރެއެވެ. މާލެއަށް ބަލައިލައިފިނަމަ މާލެއިން ލިބެން ނެތް ޚިދުމަތެއް ވަރަށް މަދެވެ. އެހެންނަމަވެސް އަދިވެސް ތަރައްގީގެ އިތުރު މަޝްރޫއުތައް މާލެއަށްވެސް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މާލެއާއި އަތޮޅުތެރޭގައި ތަރައްގީގެ އައު މަޝްރޫއުތައް ހިންގަމުންދާއިރު، މާލެ ތޮއްޖެހިފައިވާ މިންވަރަށް ރިއާޔަތްކުރަންޖެހެއެވެ. މިކަމުގެ ސަބަބުން ދެން ދިމާވަނީ ކޮން މައްސަލަތަކެއްތޯވެސް ބަލަންޖެހެއެެވެ. މިގޮތުން ބަލާނަމަ ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ މާލޭގެ ވައި ނުސާފުވުމުގެ މައްސަލައެވެ. މިއީ އެއްވެސް އިރަކު މާބޮޑު ސަމާލުކަމެއް ދީގެން ހައްލުކުރަން މަސައްކަތްކޮށްފައިވާ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް މާލެ ތޮއްޖެހެމުންދާ ވަރަކަށް ދުވަހަކަށްވުރެ ދުވަހެއް މާލޭގެ ވައި ދަނީ ނުސާފުވަމުންނެވެ.

ދިރިއުޅޭ މާހައުލުގެ ވައި ނުސާފުވުމަކީ އެކަމުގެ ސަބަބުން ހީވެސް ނުކުރާ ވަރުގެ ކަންކަމާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. މީގެ ކުރިން ހިނގާފައިވާ އެކި ހާދިސާތަކާއި، ކަމުގެ ތަޖުރިބާކާރުންގެ އެކި ދިރާސާތަކަށް ބަލާނަމަ މިއީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެކެވެ. މިގޮތުން ފުއްޕާމެއަށް ކެންސަރު ޖެހުމާއި، ހިތުގެ އެކި ބަލިތަކާއި، ސްޓްރޯކް ޖެހުމަކީ މީގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމެވެ.

މާލޭގެ ވައި ނުސާފުވެފައިވާ މިންވަރަށް ބަލާލާއިރު، މާލޭގެ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕިއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވަނީ ވިދާޅުވެފައެވެ. ތަނެއް ތޮއްޖެހެމުން އަންނަ ވަރަކަށް އެތަނެއް ދާނީ އިތުރަށް ތަޣައްޔަރުވަމުން ކަމަށް ނައީމް ވިދާޅުވިއެވެ. މިގޮތުން ބަލާއިރު މާލޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އެންވަޔަރަންމެންޓް މިނިސްޓްރީގައި މިކަމަށް ޚާއްސަ ސެކްޝަނެއް އެކުލަވާލާފައިވީނަމަވެސް އަދިވެސް މާލޭގެ ވައި ނުސާފުވެފައިވާ މިންވަރު ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމްވެފައިނުވާކަމަށެވެ. އަތޮޅުތެރޭގައި ވައި ނުސާފުވެފައިވާ މިންވަރު ބެލޭނެ އެއްވެސް ނިޒާމެއް ގާއިމްކުރެވިފައިނުވާކަމަށް ނައީމް ވިދާޅުވިއެވެ. އިންސާނުންގެ ހަމަ އިސްކޮޅުގައި ވައިގެ މާއްދާތައް ހުންނަ މިންވަރު ބެލޭނެ ނިޒާމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ. މިހާރުން މިހާރަށް މާލޭގައި އެއަރ ކޮލިޓީ މޮނިޓަރިން ސްޓޭޝަންތަކެއް ބެހެއްޓެން ޖެހޭ ކަމަށާއި، މަގުމަތިން ހިނގާފައިދާ މީހާއަށް އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ފެންނަންޖެހޭކަމަށް ނައީމް ވިދާޅުވިއެވެ.

މިއީވެސް ފިލާވަޅެއްކަމުގައި ބަލައިގެން އަތޮޅުތެރެއަށް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު، މިކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ. ތަނެއް ތަރައްގީވަމުންދާވަރަކަށް އެތަނެއް ތަޣައްޔަރުވާ މިންވަރުވެސް ދާނީ އިތުރުވަމުންނެވެ. މާލެ މިއޮތް ހާލަތަށް އަތޮޅުތެރެ ދިޔަ ނުދޭން މިއަދު މިވަނީ މަސައްކަތްކުރަންޖެހިފައެވެ.

މިފަދަ މައްސަލަތައް ހައްލުކުުރުމަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާކަން، މިއަދު މާލޭގެ ވައި ނުސާފުވެފައިވާ މިންވަރު ބެލޭނެ ނިޒާމެއް ނެތުމުން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ. އިންސާނުން ދިރިއުޅޭ މާހައުލު ނުސާފުވުމަކީ އިންސާނުންގެ ދިރިތިބުމާ ގުޅިފައިވާ ކަމަކަށްވާއިރު، މާލޭގެ ވައި ނުސާފުވުން ކުޑަކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އިދާރާތަކުން އިތުރަށް ސަމާލުކަން ދޭން ޖެހެއެވެ. އެންމެ ކުޑަ މިނުން މި ތޮއްޖެހިފައިވާ މާލޭގައި ވައި ނުސާފުވެފައިވާ މިންވަރު ބެލެންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް