ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 07:26
އާރތް ޑޭގައި އެންވަޔަރަންމެންޓް އެކްޓިވިސްޓުން ކުރިއަށްގެންދިޔަ ރެލީ
އާރތް ޑޭގައި އެންވަޔަރަންމެންޓް އެކްޓިވިސްޓުން ކުރިއަށްގެންދިޔަ ރެލީ
އާރތް ޑޭ
ޓްރެންޑެއްގައި ބައިވެރިވެލަން ދުނިޔޭގެ ވާހަކަ ނުދައްކާ!
 
ގެއްލުންތައް ކުޑަކުރުމަށް އާންމުންގެ އެއްބާރުލުން މުހިންމު
 
ދުނިޔެއަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ގައުމުތަކުން ވަނީ އަމާޒުތަކެއް ކަނޑައަޅާފައި
 
އޭޕްރީލް 22 ވަނަ ދުވަހަކީ އާރތް ޑޭ

އޭޕްރީލް 22 ވަނަ ދުވަހަކީ އާރތް ޑޭ ނުވަތަ ދުނިޔޭގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހެވެ. 1970 ވަނަ އަހަރުގެ އޭޕްރީލް 22 އިން ފެށިގެން ކޮންމެ އަހަރަކުވެސް މި ދުވަސް ދަނީ ފާހަގަކުރަމުންނެވެ. މިއީ މިއަދު މުޅި ދުނިޔެއިން ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ 22 އޭޕްރީލް ވަނަ ދުވަހުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވެ މި ދުވަސް ފާހަގަކުރިއެވެ.

މިއީ ތިމާވެށީގެ ދާއިރާއިން ހޯދިފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދުނިޔެ ރައްކާތެރިގޮތުގައި ބޭއްވުމަށް ކުރެވޭނެ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ދުޅަހެޔޮ ދުނިޔެއެއް ފޯރުކޮށްދިނުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރާ ދުވަހެކެވެ.

ކޮންމެ އަހަރަކުވެސް މި ދުވަހު ދުނިޔެއަށް އަޅާލުމަށް ކުރެވޭނެ ކަންކަމުގެ ވާހަކަ ގައުމުތަކުން ދައްކައެވެ. ގްރީން މޫވްމެންޓުތައް ބޭއްވުމާއި، ސޯޝަލް މީޑިއާ ކެމްޕޭންތަކާއި، މިފަދަ އެތައް ކަމެއް ކުރެއެވެ. އެއްބަޔަކު ހަމަ ދުނިޔެދެކެ ލޯބިވާތީއެވެ. އަނެއްބަޔަކު "ޓްރެންޑަށް" ފެތެންށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ދުޅަހެޔޮ ދުނިޔެއެއް ފޯރުކޮށްދޭނެ ބޭނުންނަމަ މިއަށްވުރެ ފުޅާދާއިރާއެއްގައި މަސައްކަތްތައް ކުރެވެންޖެހެއެވެ.

މީގެ 50 އަހަރުކުރިން މި ދުވަސް ފާހަގަކުރަން ފެށިއިރު ދުނިޔެ އޮތް ހާލަތާ މިއަދު ދުނިޔެ އޮތް ހާލަތު ވަރަށް ތަފާތެވެ. މިއަދު ދުނިޔޭގެ ވެއްޓަށް ލިބވެމުންދާ ގެއްލުންތައް މިވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު މައްސަލައަކީ މޫސުމީ ބަދަލުތަކުގެ މައްސަލައެވެ. މިއީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ވައި ނުސާފުވުމާއި، މޫސުންތަކަށް އާދަޔާ ޚިލާފު ބަދަލުތައް އައުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ބައެއްކަހަލަ ދިރުންތައް ނެތިދިއުން ފަދަ އެތައް ކަމެއް މިއަދު ދަނީ ފެންނަމުންނެވެ.

މިއީ ހަމައެކަނި ބައިނަލްއަގުވާމީ ފެންވަރުގެ ބައްދަލުވުމެއްގެ ތެރެއިން ދައްކައި ނިންމާލެވޭވަރުގެ ވާހަކައެއް ނޫނެވެ. އަދި ހަމައެކަނި އޭޕްރީލް 22 ވަނަ ދުވަހު ދައްކައި ނިންމާލެވޭވަރުގެ ވާހަކައެއްވެސް ނޫނެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބެމުންމިދާ ގެއްލުންތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭހެވެ. ގައުމުތައް ތަރައްގީވަމުންދާވަރަކަށް ޖައްވަށް ވިޖހަ ގޭސް ބޭރުވުން އިތުރުވެއެވެ. މި ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށް ގިނަ ގައުމުތަކަކުން އަމާޒުތަކެއް ކަނޑައަޅާފައިވުމަކީ ކޮންމެވެސް ވަރެއްގެ އުންމީދެއް ގެނުވި ކަމެކެވެ. އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައިވެސް މިފަދަ ގިނަ މަޝްވަރާތަކެއް ބޭއްވުނެވެ. މި ހުރިހާ ކަމަކީވެސް މަސައްކަތްކޮށްފިނަމަ ހާސިލްކުރެވިދާނެ ކަންކަމެވެ.

ރާއްޖެއިންވެސް ވަނީ 2030 އާ ހަމައަށް ދާއިރު ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދުމުގެ އަމާޒު ހިފާފައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތަކަށް ފަހު މަސައްކަތެއް ރާއްޖެއިން ދަނީ ކުރަމުންނެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. ރާއްޖެއަށް އަދި މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ޕްލާސްޓިކުގެ މައްސަލައަށް ހައްލު ހޯދުމަށް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ސަރުކާރުތަކުގެ ފެންވަރުގައި މިފަދަ ގިނަ މަސައްކަތްތަކެއް ކޮންމެ ދުވަހަކުވެސް ކުރަމުންދެއެވެ. އެހެންނަމަވެސް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ މިއިން އެއްވެސް ކަމަކަށް ކުރިއެރުމެއް ނުލިބޭނެއެވެ. ރައްޔިތުން މިފަދަ ވާހަކަތައް ދައްކައި މިކަންކަމަށް ހޭލުންތެރިވާންވީ ހަމައެކަނީ 22 އޭޕްރީލްގައެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ދުނިޔެއަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް