ތ. ގާދިއްފުއްޓަށް ފުލުހުންގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފަހު މަންޒިލެއްގެ ގޮތުގައި ގާދިއްފުއްޓަށް ވަޑައިގެން އެރަށު ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ގާދިއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު އެރަށު ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްގީއަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ގާދިއްފުށި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބޯހިޔާވަހިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކާއި ރަށް ގިރުމުގެ މައްސަލައާއި، ބަނދަރުގެ ދަތިކަމާއި، ސިއްހީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ކުޅިވަރު އިންފްރާސްޓަރަކްޗަރ ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ އިޖްތިމާއީ ފޭރާން ގޯސްވަމުން ދިޔުމުގެ ސަބަބުން ގާދިއްފުށީގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގާދިއްފުށީގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާކަމަށާއި، ސްކޫލް އިމާރާތުގެ މަސައްކަތް އެވޯޑްކުރެވިފައިވާކަމުގައެވެ. މީގެ އިތުރުންވެސް ފުލުހުންގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި އެބޭފުޅުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރްރީތަކުން ރޭވުންތެރިކަމާއެކު މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ބިމުގެ ދަތިކަމާއި، މަސައްކަތްކުރާ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަޔާއި އިނާޔަތްތައް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.