ކ. މާލެ
|
8 އޯގަސްޓް 2021 | އާދީއްތަ 19:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް އޮފީސް
ހިޖްރީ އައުއަހަރާ ގުޅިގެން ރައީސް ދެއްވި ޚިޠާބު
މިމުޖުތަމައަކީ އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތް ކުރާ ބަޔަކަށް މިއަދު ބޭނުންވެފައިވާ މުޖުތަމައެއް: ރައީސް
 
އަނެކުންގެ ފުރާނައާއި މުދަލަށް، ކޮންމެ މީހަކުވެސް ރައްކާތެރިކަމާއި ހިމާޔަތް ދޭންޖެހޭ
 
ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ
 
ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ފުރުސަތެއް

ދިވެހި މުޖުތަމައަކީ އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތް ކުރާ ބަޔަކަށް މިއަދު ބޭނުންވެފައިވާ މުޖުތަމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ހިޖްރައިން 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެޚިޠާބުގައެވެ.

އެ މަނިކުފާނުގެ ޚިޠާބުގައި، މިއުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކުގެ ވެރިންނަށާއި، އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ވަނީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ، ހިޖްރައިގެ ހާދިސާއަކީ، އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި، މަތިވެރި ހާދިސާއެއްކަމުގައި ވިދާޅުވެ، ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން އިބްރަތްތަކުގެ އަލީގައި، ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޖުރައިގެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީޚު ޖަހަމުން އަންނަނީ، ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން އިބުރަތް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށެވެ.

ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ, ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއް ކަމަށެވެ. އަދި އަނެކުންގެ ފުރާނައާއި މުދަލަށް ހަމަ ކޮންމެ މީހަކު ވެސް ރައްކާތެރިކަމާއި އަމާންކަމާއި ހިމާޔަތް ދޭންޖެހޭ ކަމަށެވެ. އަދި ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ އިންސާނީ އަޚުވަންތަކަމާއި، މާތް ﷲގެ އެއްކައުވަންތަކަމުގެ އަގީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީއާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް އިސްލާމީ އުންމަތް ވެގެން ދިޔައީ އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަޚުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ ކަމަށެވެ.

ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދިވެހި މުޖުތަމައުވެސް އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތުކުރާ ބަޔަކަށް މިއަދު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފުރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖްތަމައުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
0%
50%
0%
ކޮމެންޓް