ކ. މާލެ
|
28 ޖުލައި 2021 | ބުދަ 16:03
އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް
އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް
އެމްއޯސީ
ޓޯކިއޯ އޮލިމްޕިކްސް
ހީޓުގެ ހަވަނަ ހޯދައި މުބާލަށް ރަނގަޅު ތަޖުރިބާއެއް
 
މުބާލް ވާދަކުރީ 100 މީޓަރު ފެތުމުގެ ފްރީސްޓައިލް އިވެންޓުގައި
 
ހަތް ފެތުންތެރިންނާ ވާދަކޮށް މުބާލް ރޭސް ނިންމީ 58.37 ސިކުންތުން

މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގައި ރާއްޖޭގެ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް ރަނގަޅު ތަޖުރިބާއެއް ހޯދައިފިއެވެ.

މި ފަހަރުގެ އޮލިމްޕިކްސްއިން ފަހު ވަގުތު މުބާލަށް ފުރުސަތު ލިބުނީ ދުނިޔޭގެ ފެތުމުގެ މައި ޖަމުއިއްޔާ، ފީނާއިން ކަނޑައެޅި އުސޫލުތަކާ ގުޅިގެންނެވެ. މިދިޔަ މެއި މަހު ފަހުކޮޅު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އޮލިމްޕިކްސްގެ ފުރުސަތު ދިނީ އައިޝަތު ސައުސަން އާއި އަލީ އިމްއާނަށެވެ. އެކަމަކު، ފީނާއިން އުސޫލަށް ގެނައި ބަދަލުތަކާ އެއްގޮތަށް އަމަލުކުރަން ފަށައި، ރޭންކިންއަށް ބެލުމަށް ފަހު ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ދިނީ މުބާލުގެ އިތުރުން އައިޝަތު ސާޖިނާއަވެ.

މުބާލަކީ އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއެކު ތަމްރީނު ހެދުމުގެ ފުރުސަތު އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އިން ދިނުމުން، އޮސްޓްރޭލިއާގައި ތަމްރީނު ހަދަމުން އަންނަ ފެތުންތެރިއެކެވެ. މުބާލަށް ވަނީ މި ފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލުމުގެ ޝަރަފުވެސް ލިބިފައެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ފިރިހެނުންގެ 100 މީޓަރު ފެތުމުގެ ފްރީސްޓައިލް އިވެންޓުގައި މުބާލް ވާދަކުރިއިރު، އޭނާ ވަނީ ހީޓުގެ ހަވަނަ ހޯދާފައެވެ. ހަތް ފެތުންތެރިން މި ހީޓުގައި ވާދަކުރިއިރު، މުބާލް ރޭސް ނިންމީ 58.37 ސިކުންތުންނެވެ. ހީޓުގެ އެއްވަނަ ހޯދި ނޭޕާލުގެ އެލެގްޒަންޑާ ޝާހު ރޭސް ނިންމާފައިވަނީ 53.41 ސިކުންތެވެ. އަދި ހީޓުގެ ފުލަށް ދިޔަ ސޮލަމަން އައިލެންޑުގެ އެޑްގާ ރިޗާޑްސަންއަށް ރޭސް ނިންމިފައިވަނީ 1:00.13 ންނެވެ.

ސްވިމިންގައި މުބާލް ރަނގަޅު ވާދައެއް ކުރިއިރު، ދެން ފެތުމުގެ އިވެންޓުގައި ރާއްޖެއިން ވާދަކުރި ސާޖިނާ ފަތާފައިވަނީ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައެވެ. މި އިވެންޓުގެ ހީޓް އެކެއްގައި ސާޖިނާއާއެކު އިތުރު ފަސް ފެތުންތެރިން ވާދަކުރިއިރު، ސާޖިނާއަށް ލިބުނީ ހީޓުގެ ހަވަނައެވެ. އޭނާ ރޭސް ނިންމާލާފައިވަނީ 1:33.59 ންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ހަތަރު އެތުލީޓަކަށް ވަނީ ލިބިފައެވެ. އެއީ ދެ ފެތުންތެރިން ކަމަށްވާ މުބާލާއި ސާޖިނާގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް