ކ. މާލެ
|
18 ޑިސެންބަރ 2022 | އާދީއްތަ 08:50
ރެކޯޑު އައު ކުރި ރާއްޖޭގެ މުބާލް
ރެކޯޑު އައު ކުރި ރާއްޖޭގެ މުބާލް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސްވިމިން ޗެމްޕިއަންޝިޕް
މުބާލް އިތުރު ޤައުމީ ރެކޯޑެއް އައުކޮށްފި
މުބާލް އައު ކުރީ ފިރިހެނުންގެ (ޝޯރޓްކޯސް) 400 މީޓަރު މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު

އޮސްޓްރޭލިޔާގައި މިހާރު ކުރިއަށްދާ 16 ވަނަ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ މުބާލް އައްޒާމް އިބްރާހީމް އަނެއްކާ ވެސް އިތުރު ޤައުމީ ރެކޯޑެއް އައުކޮށްފިއެވެ.

މި މުބާރާތުގައި މިއީ މުބާލް އައު ކުރި ދެ ވަނަ ޤައުމީ ރެކޯޑެވެ. އެންމެ ފުރަތަމަ މުބާލް އައުކުރީ ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރުގެ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ވެސް މުބާލް އަތުގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް 02.26.27 އިންންނެވެ. އެ ރެކޯޑު މުބާލް އައުކުރީ 02.19.77 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.

ދެ ވަނަ އަށް މުބާލް އައުކުރީ ފިރިހެނުންގެ (ޝޯރޓްކޯސް) 400 މީޓަރު މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑެވެ. އެއީ 05.00.64 އިން އިވެންޓު ނިންމައިގެންނެވެ. ކުރިން މި އިވެންޓުގެ ޤައުމީ ރެކޯޑު އޮންނަނީ ޢަލީ އިމްޢާން އަތުގައެވެ. އެއީ 2021 ވަނަ އަހަރު ކުރިއަށް ދިޔަ ފީނާ ސްވިމިންގ ވޯރލްޑް ކަޕްގެ ހަތަރު ވަނަ ލެގުގައި ވާދަކޮށް، 05.06.64 އިން އިވެންޓު ނިންމައިގެންނެވެ.

އޮސްޓްރޭލިޔާގެ ކުރިއަށްދާ ފީނާ ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަތަރު ފެތުންތެރިޔަކު ވާދަކުރެއެވެ. އެއީ މުބާލްގެ އިތުރުން އައިޝަތު ސައުޝަން، ހަމްނާ އަހުމަދު އަދި މުޙައްމަދު ރިހާން ޝިހާމްއެވެ. މި މުބާރާތުގައި ރާއްޖޭގެ ރާއްޖޭގެ ސްވިމިން ޓީމުން ވެސް ވަނީ ޤައުމީ ރެކޯޑު އައުކޮށްފައެވެ. އެއީ ހަތަރެއް ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ އިވެންޓު 02.05.53 އިން ފުރިހަމަކޮށްގެންނެވެ.

ރެކޯޑު އައުކުރި މުބާލް ވަނީ ޤައުމީ ބައިނަލްއަޤުވާމީ އެކިއެކި މުބާރާތްތަކުގައި މިހާތަނަށް ވާދަކޮށްފައެވެ. މިއަހަރުގެ އިނގިރޭސިވިލާތުގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގޭމްސްގައި ވެސް މުބާލް ވާދަކުރިއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޮލިމްޕިކްސްގައި ވާދަކޮށް މުބާލް ވަނީ ރާއްޖޭގެ ދިިދަ ވެސް އުފުލާފައެވެ.

- ކޮމެންޓް