ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 20:28
ޓޯކިއޯ އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑެއްޔާއެކު ބްރެޒިލުގެ ކުޅުންތެރިން
ޓޯކިއޯ އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑެއްޔާއެކު ބްރެޒިލުގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
ޓޯކިއޯ އޮލިމްޕިކްސް
ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި
 
ސްޕެއިން އަތުން ބްރެޒިލް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ބްރެޒިލުން 2016 ވަނަ އަހަރުވެސް ރަން މެޑަލް ހޯދި

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލް މެޗުގައި ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުން ބްރެޒިލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބްރެޒިލުން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑަލް ހޯދިއިރު، 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ރިއޯ އޮލިމްޕިކްސްއިންވެސް ބްރެޒިލް ވަނީ ރަން މެޑަލް ހޯދާފައެވެ.

ޓޯކިއޯގެ ނިސާން ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 38 ވަނަ މިނެޓުގައި ބްރެޒިލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު އެ ޓީމުގެ ރިޗާލިސަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލުން ވަނީ ލީޑު ނަގާފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ މަތެއުސް ކޫނިއާއެވެ.

މެޗުގެ ދެވަނަ ހާފުގައި ސްޕެއިނުން އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިއިރު، 61 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކާލޯސް ސޮލާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބަލެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ސްޕެއިނުގެ ބްރަޔަން ގިލް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ގައުމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ބްރެޒިލުން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެލްކަމްއެވެ.

މި މޮޅާއެކު ބްރެޒިލުން އޮލިމްޕިކްސްގެ ރަން މެޑަލް ދިފާއުކުރިއިރު، މިއީ އެ ގައުމުން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ހޯދި ފަސްވަނަ މެޑެއްޔެވެ. އެގޮތުން ދެ ރަން މެޑަލުގެ އިތުރުން ބްރެޒިލުން މީގެ ކުރިން ވަނީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ރިހި މެޑެއްޔަކާއި ދެ ލޯ މެޑަލުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް