ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 01:28
ޓޯކިއޯ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑެއްޔާއެކު ކެނެޑާގެ ކުޅުންތެރިން
ޓޯކިއޯ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ރަން މެޑެއްޔާއެކު ކެނެޑާގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
ޓޯކިއޯ އޮލިމްޕިކްސް
ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް
 
ޕެނަލްޓީގައި ކެނެޑާ ކުރިހޯދީ 3-2 ގެ ނަތީޖާއަކުން
 
މިއީ ކެނެޑާއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރު

ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 ގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ކެނެޑާއިން ރަން މެޑަލް ހޯދައިފިއެވެ.

ޖަޕާނުގެ ޔޮކޮހަމާ ސްޓޭޑިއަމުގައި ހުކުރު ދުވަހު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ގައުމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މެޗު ފަށައިގެން ދެ ގައުމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސްމ މެޗުގެ 34 ވަނަ މިނެޓުގައި ސްވިޑެންއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ސްޓީނާ ބްލެކްސްޓޭނިއަސްއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ގައުމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 67 ވަނަ މިނެޓުގައި ކެނެޑާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޖެސީ ފްލެމިންގެވެ. މިއީ ކެނެޑާގެ ކްރިސްޓީނާ ސެންކްލޭއަށް ސްވިޑެންގެ ޑިފެންޑަރު އަމަންޑާ އިލެސްޓެސް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ގައުމުވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމާއެކު، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. އެކަމަކު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީގައި ކެނެޑާ ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ކެނެޑާއިން އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދިއިރު، މިއީ މި ގޭމްސްގައި އެ ގައުމަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވި ދެ އޮލިމްޕިކްސްއިންވެސް ކެނެޑާއަށް ލިބިފައިވަނީ ލޯ މެޑެއްޔެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް