ކ. މާލެ
|
26 ޖުލައި 2021 | ހޯމަ 12:29
ރާއްޖެއަށް އައިސްފައިވާ ގަތަރު އެއަރވޭސްގެ ފްލައިޓެއް
ރާއްޖެއަށް އައިސްފައިވާ ގަތަރު އެއަރވޭސްގެ ފްލައިޓެއް
ރާއްޖެއެމްވީ
ރާއްޖެއަށް ދަތުރުތައް ކުރާ މަންޒިލުތައް އިތުރުވުން
ދުނިޔޭގެ 39 މަންޒިލަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރޭ
2019 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 35 މަންޒިލަކުން
މިހާރު ރާއްޖެއަށް ދަތުރުތައް ކުރާ ގައުމުތަކުގެ އަދަދު ވަނީ 25ށް އިތުރުވެފައި
36 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރޭ

ދުނިޔޭގެ 39 މަންޒިލަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހާމަކޮށްފިއެވެ.

ވީއައިއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 35 މަންޒިލަކުންނެވެ. ނަމަަވެސް މި އަހަރުގެ މިހާތަނަށް 39 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ކުރާ ކަމަށާއި، މިއީ 11 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވީއައިއޭ އިން ބުނެއެވެ.

އޭގެ އިތުރުން 2019 ވަނަ އަހަރު 19 ގައުމަކުން ރާއްޖެއަށް ދަތުރުތައް ކުރި އިރު، މިހާރު ރާއްޖެއަށް ދަތުރުތައް ކުރާ ގައުމުތަކުގެ އަދަދު ވަނީ 25ށް އިތުރުވެފައެވެ. އަދި 36 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރާއިރު، 2019 ވަަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ދަތުރުކޮށްފައި ވަނީ 34 އެއަރލައިނަކުންނެވެ.

ރާއްޖެއަށް ދަތުރުކުރާ ގައުމުތަކާއި މަންޒިލުތަކުގެ އިތުރުން އެއަރލައިންތައް އިތުރުވެފައި ވީނަމަވެސް ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ އެއަރ ޓްރެފިކް މޫމެންޓް ވަނީ 2019 ވަނަ އަހަރާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މި މުއްދަތުގައި 14،048 ދަތުރުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ކޮށްފައިވަނީ ބައިނަލްއަޤުވާމީ 10،798 ދަތުރެވެ. މިއީ 23 އިންސައްތައިގެ ދަށްވުމެކެވެ. އަދި އެތެރޭގެ ދަތުރުތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ 17،292 ދަތުރުކޮށްފައިވާއިރު މި އަހަރު 8،792 ދަތުރަށް ވަނީ ދަށްވެފައެވެ. މިއީ 49 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ އިތުރުން ރާއްޖެއަށް އައި ޕަސެންޖަރުންގެ އަދަދު 46 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ރާއްޖެއިން ފުރި ޕަސެންޖަރުންގެ އަދަދު ވެސް ވަނީ 44 އިންސައްތަ ދަށްވެފައެވެ. ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ބައިވެރިވި ޕަސެންޖަރުންގެ އަދަދު ވަނީ 63 އިންސައްތަ ދަށަށް ގޮސްފައެވެ.

ވީއައިއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އުފުލި މުދަލުގެ އަދަދު ވަނީ 52 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު 53 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު ވަނީ 46 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ޓްރާންސްޝިޕްމެންޓްގެ އަދަދު ވަނީ 51 އިންސައްތަ ދަށަށް ގޮސްފައެވެ.

ރާއްޖޭގެ މައި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ނަންބަރުތަކަށް މިހާބޮޑެތި ބަދަލުތަކެއް އައިސްފައި މިވަނީ ކޮވިޑް-19ގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެއަރޕޯޓްގެ މޫވްމެންޓްތައް އިތުރުވާން ފަށާފައިވާ ކަމަށާއި އަހަރުގެ ބާކީ އޮތްބައިގައި މިއަށް ވުރެ ރަނގަޅު ނަންބަރުތަކެއް ފެނިގެންދާނެ ކަމަށް ވީއައިއޭ އިން ފާހަގަކުރެއެވެ.

- ކޮމެންޓް