މެލޭޝިޔާގެ އެންމެ ބޮޑު އެއަރލައިން ކުންފުނި އެއަރ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.
އެއަރ އޭޝިއާގެ ދަތުރުތައް އަލުން ފަށާފައި މިވަނީ ދެއަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. މި ދަތުރުތައް މެދުކަނޑާލާފައިވަނީ ކޮވިޑް-19ގެ ސަބަބުންނެވެ.
ރާއްޖެއާއި ތައިލެންޑާ ދެމެދު ކުރާ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެގޮތުން މި ދަތުރުތައް އޮންނާނީ ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހަކުއެވެ.
އެއަރ އޭޝިއާއަކީ އަގުހެޔޮ ދަތުރުތައް ކުރުމުގައި ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް ކުންފުންޏެވެ. މެލޭޝިޔާ ސަރުކާރުގެ އެހީއާއެކު 1996 ގައި ދަތުރުތައް ފެށި މިކުންފުނިން އަންނަނީ ދުނިޔޭގެ 25 ގައުމެއްގެ 165 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ކޮވިޑް-19 އައުމުގެ ކުރިން، 2019 ވަނަ އަހަރު، 20،000 މުވައްޒަފުންނާއެކު އެއަރ އޭޝިއާއިން ވަނީ ސާފު ފައިދާގެ ގޮތުގައި 354 މިލިއަން ޑޮލަރު ހޯދާފައެވެ.