ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ވަގުތީ ގެކޮޅެއް ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަޖައްސަވައިދެއްވާފައިވަނީ މ. މުރައިދޫގެއެވެ. އަދި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވައިދެއްވާފައިވަނީ ރެހެންދި ފްލެޓްގެ އެޕާޓްމެންޓެކެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި، އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް އެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސައިދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
މި ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖައްސަވައިދެއްވާފައި މިވަނީ ފަނޑިޔާރުންގެ ގާނޫނާއި، މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ. މި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސަވާ ރަސްމީ ގެކޮޅަށް ބޭނުންވާ މުވައްޒަފުންނާއި ތަނުގެ ޚަރަދު ވެސް ބަލަހައްޓަން ޖެހޭނީ ދައުލަތުންނެވެ.
މި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަން އިތުރަށް ޔަގީންކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން އެ ދެ ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް ޤާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް ރައީސް ވަނީ ލަފާދެއްވާފައެވެ.
މި ދެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސަވައިދެއްވާފައިވާކަން ސަރުކާރުގެ ފަރާތުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މިހާރު ކުރިއަށްދަނީ މި ދެ ތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މަސައްކަތް ކަމަށް މައުލޫމާތުލިބެއެވެ.