ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދޭ ދަނޑިވަޅުތަކުގައި، ޕީޖީ ގްރޫޕުން ނުކުމެވަޑައިގެން އެމްޑީޕީގެ ރައީސަކަަށް ނުރުހުން ފާޅު ކުރުމަކީ އަމިއްލަ ކަރުގައި ވަޅި ޖެއްސުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ) ސިފަކުރައްވައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވަނީ 7 ފެބްރުއަރީގައި އެމްޑީޕީގެ ވެރިކަން ވައްޓާލިއިރު އެމްޑީޕީގެ އެތެރޭގައި ހިންގުމުގައި ނިންމާފައިވާ ބައެއް ނިންމުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕާޓީގެ ޤައުމީ މަޖިލީހުގައި އޭރު ހިނގާ ދިޔަ ކަންކަމަށް އަލިއަޅުވާލައްވައި މޫސަ ވިދާޅުވީ، އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބައެއް ބޭފުޅުންނަށް ބޮޑެތި ގޮންޖެހުންތަކެއްވެސް ކުރިމަތިވި ކަމަށެވެ. ނަމަވެސް ޕާޓީގެ މަސްލަޙަތަށް ވިސްނަވައި، އެއްގޮތެއްގައި ހިފަހައްޓަވައިގެން ތިއްބެވިކަން މޫސަ ފާހަގަ ކުރެއްވިއެވެ.
މޫސަ ވިދާޅުވީ، ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުން އުފެދުނުނަމަވެސް، ޕީޖީ ގްރޫޕުން ނުކުމެވަޑައިގެން އެމްޑީޕީގެ ރައީސަށް ނުރުހުން ފާޅުކުރުމަކީ މީގެ ކުރިން ކޮށްއުޅުނު ކަމެއް ނޫން ކަމަށެވެ. މިއީ "އަމިއްލަ ކަރުގައި ވަޅި ޖެއްސުން" ކަމަށް މޫސަ ސިފަ ކުރެއްވިއެވެ.
މޫސަ ވިދާޅުވީ، ބިލަކާއި ގުޅޭ ގޮތުން މައްސަލަ އުފެދުނު ނަމަވެސް، އެކަން ޙައްލު ކުރެވޭނެ ރަނގަޅު ގޮތްތައް ހުންނާނެ ކަމަށެވެ. އެގޮތުން ކޯލިޝަނެއްގައި ތިބޭނަމަ އެއްބައެއްވަންތަކަން ހިފަހައްޓަންޖެހޭނެކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙަށް ކޯލިޝަން ދަމަހައްޓަވަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ބަރުލަމާނީ ނިޒާމު ނުވަތަ ނިޒާމެއްގެ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުވެސް ބޭނުންފުޅުވެގެން އުޅުއްވަނީ ވެރިކަން ކަމަށެވެ.
މޫސަ އެހެން ވިދާޅުވެފައިވާއިރު، ފިކުރީ ގޮތުން ރައީސް ސޯލިޙާއި، އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތުކަން ފާހަގަ ކުރައްވައި ރައީށް ނަޝީދު ވަނީ "ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށް ދާދި ފަހުން ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް ހެއްދެވުމުގެ ޝައުޤުވެރިކަންވެސް ރައީސް ނަޝީދު ވަނީ ފާޅު ކުރައްވާފައެވެ.