ކ. މާލެ
|
14 ޖުލައި 2021 | ބުދަ 17:34
ޢަބްދުﷲ ކަމާލުއްދީން
ޢަބްދުﷲ ކަމާލުއްދީން
ރާއްޖެއެމްވީ
އައު ޕާޓީއެއް އުފެއްދުން
އެމްއާރުއެމްގެ މެންބަރަކަށް ވާތީ، ޢަބްދުﷲ ކަމާލުއްދީންގެ ޕާޓީ އުފެއްދެވުމުގެ ހުއްދައެއް ނުދިން
 
ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކަމާލުއްދީން އީސީއަށް ފޯމް ހުށަހަޅުއްވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު
 
ފޯމް ބާތިލުކުރީ ކަމާލުއްދީނަކީ އެމްއާރުއެމްގެ މެންބަރަކަށްވުމުން

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ މެންބަރަކަށް ވާތީ، ޢަބްދުﷲ ކަމާލުއްދީންގެ ޕާޓީ އުފެއްދުމުގެ ހުއްދައެއް ނުދިނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް އެދި ޢަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި ބުދަ ދުވަހު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އިލެކްޝަނުން ބުނީ ކަމާލުއްދީނަކީ އަދިވެސް އެމްއާރުއެމްގެ މެންބަރެއް ކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ކަމާލުއްދީން ރަޖިސްޓްރީވެފައިވަނީ އެމްއާރުއެމްގައި ކަމަށެވެ. އަދި އެމްއާރުއެމުން ވަކިވެވަޑައިގަތުމަށް އެދި ކަމާލުއްދީން އެ ޕާޓީއަށް ހުށަހަޅުއްވާފައި އޮވެދާނެ ކަމަށާއި، އެމްއާރުއެމުން އެކަން އީސީއަށް އަންގާފައި ނުވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކަމާލުއްދީން އީސީއަށް ފޯމް ހުށަހަޅުއްވާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމާފައިވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި، ހައްލު ނުވެ ހުރި ކަންކަން ހައްލު ކުރުމުގެ މަގުސަދުގައި ސިޔާސީ އައު ފަލްސަފާއެއް ފެށުމުގެ ގޮތުން ކަމަށް ޢަބްދުﷲ ކަމާލުއްދީންވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫންގެ ދައުރުގައި ހޯމް މިިނިސްޓަރުކަންވެސް ކުރައްވާފައިވާ ކަމާލުއްދީނަކީ ޑީއާރުޕީއާއި، ޖުމްހޫރީ ޕާޓީ، އަދި އެމްއާރުއެމްގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އައު ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ނިންމަވައި، ޢަބްދުﷲ ކަމާލުއްދީން ނެރުއްވި ބަޔާނެއްގައި ވަނީ، އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވި މައްސަލަތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެމައްސަލަތައް ހައްލުކުރުމަށް އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާންޖެހޭކަށެވެ. އެގޮތުން އެމަނިކުފާނާ އެއް ޚިޔާލުފުޅެއްގައި، އެއް މަގުސަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން، "ޤައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ނުވަތަ "ނެޝަނަލް ސޮލިޑާރިޓީ ޕާޓީ"ގެ ނަމުގައި، އައު ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް، ހުށަހަޅުއްވާފައިވާކަމަށެވެ.

އެމްއާރްއެމްއިން ވަކިވެވަޑައިގެން ކަމާލުއްދީންގެ ވަކި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް އަމާޒު ހިއްޕަވާފައި މިވަނީ ރާއްޖޭގެ ސިޔާސީ ދާއިރާ އަނެއްކާވެސް ވަރަށް ބޮޑަށް ހަލަބޮލި ވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ފެކްޝަނެއް އުފެދިފައިވާކަމުގެ އަޑުގަދަވެފައިވާއިރު، ޖުމްހޫރީ ޕާޓީ ތެރެއިން އިތުރު ޕާޓީއެއް އުފައްދަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރެން ވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް