ގޮތް ނޭނގޭ އެއްޗަކުން އިސްރާއިލުގެ އާގު ބޯޓަކަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ހަމަލާ ދީފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުންނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރުކުރަމުން ދިޔަ އާގުބޯޓަށް ހަމަލާ ދިނީ ކޮން ކަހަލަ އެއްޗެއް ކަމެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
ލުބްނާންގެ އަލް މަޔަދީން ޓީވީން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުން ބޯޓު ދަތުރުކޮށްފައިވަނީ ސައުދީގެ ޖިއްދާ ބަނދަރުން ޔޫއޭއީއަށެވެ. އަދި މިހާތަނަށް އައި އިރު ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. މި ހަމަލާގެ ސަބަބުން ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
މި ބޯޓަކީ އިސްރާއިލުގެ ބޯޓެއް ނަމަވެސް، އޭގެ ފަޅުވެރިންނަކީ އިސްރާއިލުގެ ބައެއް ނޫނެވެ. އިސްރާއިލުގެ އެން12 ނިއުސް އިން މިނިސްޓްރީ އޮފް މިލިޓަރީ އެފެއަރޒްއާ ހަވާލާދީ ބުނެފައިވަނީ ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި ބޯޓަށް ވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ ކުރިން ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އޮމާންގެ ކަނޑުގެ ސަރަހައްދުން މި ބޯޓަށް ހަމަލާ ދީފައިވެއެވެ. އަދި އިސްރާއިލްގެ އެހެން ބޯޓަކަށް ވެސް ޔޫއޭއީގެ ސަރަހައްދުގެ ތެރެއިން ހަމަލާތަކެއް ދީފައިވެއެވެ.