ކ. މާލެ
|
23 ޖޫން 2021 | ބުދަ 22:35
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު،
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް ކުއްޖާ ފެނުނު ސަރަހައްދު،
ރާއްޖެއެމްވީ
ކުޑަކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ
13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ގެންދިޔަ ކަމަށް ބެލެވޭ ކާރު ބަލައި ފާސްކޮށްފި
 
ދެމީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައި
 
ހެއްކެއް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރޭ
 
ބަލައި ފާސްކުރީ ޓެކްސީއެއް

ރަހީނުކޮށް މަރާލި 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ހުޅުމާލޭގެ ފޭސް-2އަކަށް ގެންދިޔަ ކަމަށް ބެލެވޭ ކާރު ބަލާ ފާސްކޮށްފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރަހީނުކޮށް މަރާލި 13 އަހަރުގެ ކުއްޖާ ގެންދިޔަ ކަމަށް ބެލެވޭ ކާރު ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެއީ ޓެކްސީއެއް ކަމަށް ވިދާޅުވިއެވެ.

ފޮއްޓަކަށްލާފައި އޮއްވާ ފެނުނު މިކުއްޖާގެ ހަށިގަނޑު ހުޅުމާލޭގެ ފޭސް-2 އަކަށް ގެންދިޔަ ޓެކްސީން އިތުރު ހެއްކެއް ފެނުނުކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި ޓެކްސީއާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް އާއްމުކޮށްފައި ނުވެއެވެ.

ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލް ހާމަކުރެވެން ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނީ އެމީހުންނަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

13 އަހަރުގެ ކުއްޖާ ރަހީނުކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މިހާތަނަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު އެ މައްސަލައިގައި ޝާމިލްވާ 2 މީހުން ފިލާފައި ތިބީ ގެސްޓް ހައުސްއެއްގައެވެ. އާދީއްތަ ދުވަހުން ފެށިގެން އެމީހުން ގެސްޓް ހައުސްގައި ފިލައި ތިބިއިރު، އެމީހުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރުއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
13%
13%
63%
13%
0%
0%
ކޮމެންޓް